ޚަބަރު

ހަތަރު އަހަރަށް ފަހު ސީސީ ޤަޠަރަށް ވަޑައިގަންނަވައިފި


މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙު އަލްސީސީ ޤަޠަރަށް ވަޑައިގަންނަވައިފިއެވެ. އޭނާގެ މި ދަތުރުފުޅަކީ މީގެ ހަތަރު އަހަރު ކުރިން ދެ ޤައުމުގެ ދެމެދުގައި ދެބަސްވުންތަކެއް އުފެދި، ގުޅުން ގޯސްވި ފަހުން، އޭނާ ޤަޠަރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ޤަޠަރުން ސީސީއަށް މަރުޙަބާ ވިދާޅުވީ އެ ޤައުމުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލްޘާނީއެވެ. ޤަޠަރުން ދެކޭ ގޮތުގައި ސީސީގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ، އަދި ގުޅުމަށް އައު ދިރުމެއް ގެނުވާނެ ދަތުރުފުޅެކެވެ.

ޤަޠަރުގެ އަމީރު ވެސް ވަނީ ޖޫން މަހުގެ ތެރޭގައި މިޞްރަށް ވަޑައިގަންނަވާފައެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމެންޓްގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން، ހަކަތައާއި ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވެސް ދެ ޤައުމުން ވަނީ މަޝްވަރާ ކޮށްފައެވެ.

މިޞްރުން ޤަޠަރާ ގުޅުން ކަނޑައިލާފައި ވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުއެވެ. ސަބަބަކީ، މިޞްރުގެ ސަރުކާރާ ދެކޮޅު މުސްލިމް ބްރަދަރހުޑް ޖަމާޢަތަށް ޤަޠަރުން ތާޢީދު ކުރުމެވެ. މި މައްސަލައިގައި ޢަރަބި ދުނިޔޭގެ ގިނަ ޤައުމުތަކަކުން ޤަޠަރާ އެކު އޮތް ގުޅުން ކަނޑައިލިއެވެ. މީގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގެ އިތުރުން އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)އާއި ބަޙުރައިން ވެސް ހިމެނެއެވެ.

އެ ޤައުމުތަކުން ޤަޠަރާ އެކު އޮތް ގުޅުން އަލުން ރުޖޫޢަކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. އެއަށްފަހު މިޞްރާއި ޤަޠަރާ ދެމެދު ބޮޑެތި އިންވެސްޓްމެންޓްތަކެއް ކުރުމަށް ވަނީ އެއްބަސްވެފައެވެ. ޤަޠަރުން މިޞްރުގެ އެކި ސިނާޢަތްތަކުގައި ކުރުމަށް އެއްބަސްވެފައިވާ އިންވެސްޓްމެންޓްތަކުގެ އަގު 5 ބިލިޔަން ޑޮލަރަށް އަރާނެއެވެ.