ޚަބަރު

އަޒަރުބައިޖާނާއި އަރުމީނިޔާއާ ދެމެދު ހަމަލާ ބަދަލުކުރަން ފަށައިފި


ކުރީގެ ރޫސީ ވިލާތުން ވަކިވި ދެ ޤައުމު ކަމުގައިވާ އަޒަރުބައިޖާނާއި އަރުމީނިޔާގެ ސަރަޙައްދީ ރޮނގުގެ މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައި އަނެއްކާ ވެސް ހަމަލާތައް ބަދަލު ކުރަން ފަށައިފިއެވެ. ސަރަޙައްދީ ރޮނގުގެ މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައި 2020 ވަނަ އަހަރު ވަނީ ހަނގުރާމަ ކުރަން ފަށާފައެވެ. އެންމެ ފަހުން ހިނގި ހަމަލާ ބަދަލު ކުރުން ތަކުގައި އަރުމީނިޔާގެ 49 ސިފައިންނާއި އަޒަރުބައިޖާނުގެ 50 ސިފައިން މަރުވެފައިވާ ކަމުގައި ދެ ޤައުމުން ބުނެއެވެ.

2020 ވަނަ އަހަރު ފެށި ހަނގުރާމަ ހަ ހަފުތާއަށް ދެމިގެން ދިޔައެވެ. އަދި، ހަނގުރާމަ ހުއްޓުމަކަށް ގެނައީ ރަޝިޔާއިން މެދުވެރިއެއްގެ ދައުރު އަދާކޮށްގެންނެވެ. މިހާރު ވެސް ރަޝިޔާގެ ޞުލްޙަ ބަލަހައްޓާ ފައުޖުތަކުން ދަނީ، އެ ދެ ޤައުމު ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ހަރަކާތްތެރިވަމުންނެވެ.

2020 ވަނަ އަހަރު ކުރި ހަނގުރާމައިގައި އަޒަރުބައިޖާނުގެ ސިފައިން ވަނީ އަރުމީނިޔާއާ ގުޅޭ ސަރަޙައްދީ އިން ކައިރީގައިވާ ބައެއް ސަރަޙައްދުތައް ހިފާފައެވެ. އެއީ، މީގެ 30 އަހަރު ކުރިން އަރުމީނިޔާއިން ހިފާފައިވާ ބިންތަކެއް ކަމުގައި އެ ޤައުމުން ބުނެއެވެ. އަޒަރުބައިޖާނަކީ ތުރުކީ ވިލާތާ ގާތް ގުޅުމެއް ބާއްވާ ޤައުމެކެވެ. އަނެއް ކޮޅުގައި އޮތީ ރަޝިޔާއިން ވާގިވެރިވާ އަރުމީނިޔާއެވެ.

ފުރަތަމަ ހަމަލާ ދޭން ފަށާފައި ވަނީ އަޒަރުބައިޖާނުގެ ސިފައިން ކަމުގައި އަރުމީނިޔާގެ ބޮޑުވަޒީރު ނިކޮލް ޕަޝިންޔަން ވިދާޅުވިއެވެ. އަރުމީނިޔާގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ބައެއް ރަށްތަކަށް އަޒަރުބައިޖާނުގެ ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމުގައި އޭނާ ތުހުމަތު ކުރައްވައެވެ.

އަޒަރުބައިޖާނުން ބުނީ ހަމަލާތައް ފެށުނީ އަރުމީނިޔާގެ ސިފައިން އެ ޤައުމުގެ ސަރަޙައްދީ އިން ހުރަސްކޮށް އެތެރެވުމުން ކަމުގައެވެ. އަދި، އެ ޤައުމަށް ހަތިޔާރު އެތެރެކޮށްފައިވާ ކަމުގެ ތުހުމަތު ކުރެއެވެ. އަދި، ފުރަމަތަ ހަމަލާދީފައި ވަނީ އަރުމީނިޔާގެ ސިފައިން ކަމަށް ބުނެއެވެ.

ރަޝިޔާގެ އިތުރުން އެމެރިކާއިން ވެސް ވަނީ ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ދެ ޤައުމަށް ގޮވައިލާފައެވެ. އަދި، އެމެރިކާއިން ވަނީ މި ކަމުގެ ފަހަތުގައި ރަޝިޔާ ވާކަމަށް ވެސް ތުހުމަތު ކޮށްފައެވެ. "ވެދާނެ މިއީ ޔޫކްރެއިނުގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގެ އަޑުތައް ކަނޑުވައިލަން އެ ޤައުމުން އަޑީގައި އޮވެގެން ހިންގާ ހަނގުރާމައެއް ކަމަށް،" އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކަން ތުހުމަތު ކުރެއްވިއެވެ.

ނަމަވެސް، ރަޝިޔާއިން ވަނީ ހަމަލާ ބަދަލު ކުރުން ހުއްޓައިލުމަށް ދެ ޤައުމަށް ވެސް ނަސޭހަތްތެރިވެފައެވެ. "ދެ ޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ހައްލު ކުރެވޭނީ މަޝްވަރާ ކޮށްގެން،" ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ދެ ޤައުމުގެ ސަރަޙައްދީ އިމުގައި އޮންނަ ފަރުބަދަމަތީ ސަރަޙައްދެއް ކަމުގައިވާ ނަގޮރްނޯ-ކަރަބަޚްގެ މިލްކުވެރިކަމާ މެދު ދެ ޤައުމުގެ ދެމެދުގައި ވަނީ ދެބަސްވުންތައް އުފެދިފައެވެ. މި ހަނގުރާމަ ހުއްޓައިނުލާ ކުރިއަށްދާ ނަމަ، މި ކަމުގެ ތެރެއަށް ސަރަޙައްދީ ބާރުތައް ކަމުގައިވާ ރަޝިޔާއާއި ތުރުކީ ވިލާތުން ވަދެ، މަސްރަޙު އިތުރަށް ހޫނުވުމަކީ އެކަށީގެންވާ ކަމެކެވެ.