ޚަބަރު

"ބްރަމަސްތްރާ"ގެ ކާމިޔާބީއާއެކު ރަންބީރާއި އާލިއާ އުފަލުން ފޮޅިފައި


މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ފިލްމު "ބްރަމްސްތްރާ" އަކީ ނިމިދިޔަ ހަފްތާ ބަންދުގައި މުޅި ދުނިޔޭގައިވެސް އެންމެ ހިނގި އެއް ފިލްމެވެ.

"ބްރަމަސްތްރާ" އަށް ބޮކްސް އޮފީހުގައި އަންނަނީ ބޮޑު ތަރުޚީބެއް ލިބެމުންނެވެ. ފިލްމު އެޅުވި ހަފްތާ ނިމިނުއިރު އިންޑިއަން ބޮކްސް އޮފީހުގައި ގާތްގަނޑަކަށް 120 ކްރޯޑް ރުޕީސްގެ އާމްދަނީއެއް މި ފިލްމަށް ވަނީ ލިބިފައެވެ. މިއީ އެންމެ ބޮޑު އާމްދަނީއެއް ފިލްމު އެޅުވި ހަފްތާގައި ލިބުނު އެއް ހިންދީ ފިލްމެވެ.

އިންޑިއާގެ އިތުރުން އެހެން ޤައުމުތައް ކަމަށްވާ އޮސްޓްރޭލިއާ، ނިއުޒީލޭންޑް އަދި އެމެރިކާގެ ޗާޓުތަކުންވެސް މި ފިލްމު ވަނީ ޖާގަ ހޯދާފައެވެ. މުޅި ދުނިޔެއަށް ބަލާއިރު މި ފިލްމަށް މިހާތަނަށް ވަނީ 212 ކްރޯޑް ރުޕީސް ނުވަތަ 26.5 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ. އަދި މީގެތެރެއިން 44 މިލިއަން އެމެރިކާ ޑޮލަރަކީ ހަމައެކަނި އެމެރިކާއިން މި ފިލްމަށް ލިބުނު އާމްދަނީއެވެ.

ފިލްމު އެޅުވި ހަފްތާގައި 212 ކްރޯޑް ރުޕީސް ހޯދައިގެން "ބްރަމަސްތްރާ" މިވަނީ ފިލްމެއް އަޅުވިތާ ހަފްތާއެއްގެ ތެރޭގައި އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމަށްވެސް ވެފައެވެ. މިއާއެކު ފިލްމު އެޅުވި ހަފްތާގައި 206 ކްރޯޑް ރުޕީސް ހޯދި ސަލްމާން ޚާނާއި އަނުޝްކާ ޝަރުމާގެ "ސުލްތާން" ވެސް މި ފިލްމު މިވަނީ ވައްޓާލާފައެވެ.

"ބްރަމަސްތްރާ" އަށް މިހާބޮޑު ތަރުހީބެއް ލިބެމުން މި އަންނަނީ ބޮލީވުޑްގެ ގިނަ ފިލްމުތަކަށް ފާޑުކިޔައި ފިލްމުތައް ބޮއިކޮޓް ކުރަން ގޮވާލާ ދުވަސްވަރެއްގައެވެ. "ބުރައްމަސްތުރާ" އަށް ބޮޑު ކާމިޔާބީއެއް ލިބެމުން ދިއުމުގެ މައިގަނޑު ސަބަބަކީ މީގެ ޕްލޮޓް ރަނގަޅުވެފައި، މީގައި އިންޑިއާގެ ފިލްމަކުން ކުރިން ފެނިފައި ނުވާ ފަދަ މޮޅު ވީއެފްއެކްސް ފެނުން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

މީގެއިތުރުން ފިލްމުގެ ލީޑް ދެ ތަރިން ކަމަށްވާ ރަންބީރާއި އާލިއާ ބަޓްގެ ޖޯޑުވެސް ބެލުންތެރިންނަށް ވަނީ ވަރަށް ކަމުގޮސްފައެވެ. މިއީ މި ދެމަފިރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމު ވެސް މެއެވެ. ފިލްމުގެ ކާމިޔާބީއާއެކު ރަންބީރާއި އާލިއާއަށްވެސް ވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ.

މިއަހަރު ވެފައިވަނީ ބޮލީވުޑްގެ ނަން މަޝްހޫރު ބައެއް ތަރިންނަށް އެހާ ކާމިޔާބު އަހަރަކަށް ނޫނެވެ. ބޮއިކޮޓް ކުރުމުގެ ޓްރެންޑާއެކު ބޮލީވުޑްގެ އޭ ލިސްޓުގައި ހިމެނޭ ބައެއް ތަރިންގެ ފިލްމުތައް ވަނީ ފްލޮޕްވެފައެވެ. މީގެ ތެރޭގައި އަކްޝޭ ކުމާރު، އާމިރު ޚާންފަދަ ތަރިން ހިމެނެއެވެ. ކޮންމެ އަކަސް ފުލު ފުލުގައި ގިނަ ފްލޮޕް ފިލްމުތަކެއް އެޅުވުމަށްފަހު "ބްރަމަސްތްރާ"އާއެކު ހިންދީ ސިނަމާއަށް މިވަނީ އައު އުއްމީދެއް ގެނުވާފައެވެ.

"ބްރަމަސްތުރާ: ޕާޓް ވަން-ޝިވާ" މި ފިލްމަކީ ހިންދީ ބަހުގެ އިތުރުން ތަމަޅަ، ތެލެގޫ، މަލަޔާޅަމް އަދި ކަންނާޑާ ބަހުން ވެސް ޑަބްކޮށްގެން ގެނެސްދީފައިވާ އެއްޗެކެވެ. މި ފިލްމު އުފައްދާފައިވަނީ 400 ކްރޯޑް ރުޕީސްގެ ބަޖެޓަކުންނެވެ. މިއީ ބޮލީވުޑްގައި މިހާތަނަށް އުފެއްދި އެންމެ އަގު ބޮޑު އެއް ފިލްމެވެ. ފެންޓަސީ-އެޑްވެންޗާއެއްގެ ގޮތުގައި ގެނެސްދިން "ބުރައްމަސްތުރާ" ގެ ކާސްޓްގައި އަމީތާބް ބައްޗަން، މޯނީ ރޯއި، ޝާހްރުކް ޚާން، ނާގުރްޖުނާ އަކިނޭނީ އަދި ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެ އެވެ.