ޚަބަރު

ދިޝާގެ ތަމަޅަ ފިލްމުގެ މަސައްކަތް ފަށައިފި


މިދިޔަ ޖުލައި މަހު ރިލީޒްކުރި "އެކްވިލަން ރިޓާންސް" ގެ ތަރި ދިޝާ ޕަޓާނީގެ ފުރަތަމަ ތަމަޅަ ފިލްމު "ސޫރިޔާ 42" ގެ މަސައްކަތް ފަށައިފިއެވެ.

ޑައިރެކްޓަރު ސިވާއާއެކު ތަމަޅަ ތަރި ސުރިޔާ ލީޑް ރޯލުން ފެންނަ މި ފިލްމަކީ އިޢުލާނުކުރީއްސުރެ ބެލުންތެރިން ވަރަށް އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ.

"ސޫރިޔާ 42" އަކީ މިވަގުތަށް ފިލްމަށް ދީފައިވާ ނަން ކަމަށާއި މި ނަން ބަދަލުވުން އެކަށީގެންވާ ކަމަށް މުނިފޫހިފިލުވައިދޭ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.

މީގެ ޓީޒާ މިހާރު ދައްކާލާފައިވާއިރު ޓީޒާގައި ދިޝާއެއް ނުފެނެއެވެ. ނަމަވެސް ސޫރިޔާ ދައްކާލާފައިވަނީ ޕްރިންސެއްގެ ގޮތުގައެވެ. ވަރުގަދަ ހަނގުރާމައިގެ އެކްޝަން ތަކަކާއިއެކު ގެންނަ މި ފިލްމުގައި ވިޝުއަލް އިފެކްޓްސްވެސް ހިމެނޭނެއެވެ.


މި ފިލްމުގެ ލީޑް ރޯލު ދިޝާއަށް ލިބިފައިވާއިރު މިއީ ދިޝާ ތަމަޅަ ސިނަމާތަކަށް ތަޢާރަފްވާ ފިލްމުވެސްމެއެވެ. ފިލްމާއި ބެހޭގޮތުން ދިޝާ ބުނީ މިއީ އޭނާ ވަރަށް އިންތިޒާރުކުރާ ފިލްމެއް ކަމަށެވެ. އަދި އޭނާ ފެންނާނީ ވަރަށް ޔުނިކް އަދި މިހާތަނަށް އޭނާ ނުކުޅޭ ފަދަ ރޯލަކުން ކަމަށްވެސް ދިޝާ ބުންޏެވެ.

"ސޫރިޔާ 42" ޑައިރެކްޓް ކުރަނީ ސިރޫތައި ސިވާއެވެ. ޝޫޓިންގެ ދެވަނަ ޝެޑިއުލް މިހާރު ދަނީ ކުރިއަށެވެ. މީގެ ސަޕޯޓިންގ ރޯލުތަކުން ފެނިގެންދާނީ ޔޯގީ ބާބޫ، ރެޑިން ކިންގްސްލީ، ކޮވައި ސާރާލާ، އަދި އަނަންދު ރާހް އެވެ. ޔޫވީ ކްރިއޭޝަންސް އިން ޕޭން އިންޑިއާއިން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ މިއުޒިކް ކޮމްޕޯސަރަކީ ދޭވީ ސްރީ ޕްރަސާދެވެ.

އުމުރުން 30 އަހަރުގެ ދިޝާ ބޮލީވުޑަށް ތަޢާރަފްވީ 2015 ވަނަ އަހަރު ދެއްކި "ލޯފާ" އިންނެވެ. ދިޝާ އެންމެ ފަހުން ފެނުނީ މިދިޔަ ޖުލައި 29 ވަނަ ދުވަހު ރިލީޒްކުރި ފިލްމު "އެކް ވިލަން ރިޓާންސް" އިންނެވެ. ދިޝާ ކުޅެފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި 2018 ވަނަ އަހަރު ދެއްކި "ބާގީ 2" ، 2020 ވަނަ އަހަރު ދެއްކި "މަލަންގް" އަދި 2021 ވަނަ އަހަރު ދެއްކި "ރާދޭ" ހިމެނެއެވެ.