ޚަބަރު

"ޔޭ ކާލީ ކާލީ އާންކޭ" ގެ ދެވަނަ ސީޒަން އުފައްދަނީ


ނެޓްފްލިކްސް އިން މިއަހަރު ޖެނުއަރީމަހު ދައްކަން ފެށި ކްރައިމް އެންޑް މިސްޓަރީ ސީރީޒް "ޔޭ ކާލީ ކާލީ އާންކޭ" އަކީ އޭގެ ކޮންޓެންޓާ ހުށަހަޅައިދީފައިވާ ގޮތަށް ކްރިޓިކުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ސީރީޒެކެވެ.

ތާހިރު ރާޖް ބާސިން، ޝްވެތު ތިވާރީ، އަދި އަންޗަލް ސިންގް ފަދަ ތަރިން ތަފާތު ރޯލުތަކުން ފެނިގެންދިޔަ މި ސީރީޒަށް ވަނީ ބެލުންތެރިންގެ ބޮޑު މަޤުބޫލަކަމެއްވެސް ލިބިފައެވެ.

މި ސީރީޒްގެ ފޭނުންނަށް މިހާރު އޮތީ އުފާވެރި ޚަބަރެކެވެ. އެއީ މި ސީރީޒްގެ ދެވަނަ ސީޒަން އުފައްދާނެކަމުގެ އިޝާރާތެއް ނެޓްފްލިކްސް އިން މިހާރު ދީފައިވާތީއެވެ. މި ސީރީޒްގެ ދެވަނަ ސީޒަން އުފައްދާނެކަމުގެ އިޝާރާތް ނެޓްފްލިކްސްއިން ދިންއިރު ނެޓްފްލިކްސްގެ އިތުރު ދެ ޝޯވއެއްގެ ދެވަނަ ސީޒަން ކެންސަލްވެސް ވަނީ ކޮށްފައެވެ. އެއީ "އަރަންޔަކް" އަދި މަދޫރީގެ "ދަ ފޭމް ގޭމް" އެވެ.

ދެވަނަ ސީޒަންގައިވެސް އެންމެ މުހިންމު ކަމަކަށް ނެޓްފްލިކްސް އިން ބަލާނީ ކޮންޓެންޓު ރަނގަޅު ކުރެވޭތޯ ކަމަށް އެމީހުން ބުނެއެވެ.

ރަނގަޅު ކޮންޓެންޓެއް ނެތިއްޔާ މިހާރު އެއްވެސް އެއްޗެއް ނުހިނގާ ކަމަށާއި، ބައެއް ޝޯވތައް ކުރިއަށް ނުގެންދަން ނެޓްފްލިކްސްއިން ނިންމީވެސް ކޮންޓެންޓުގެ މައްސަލައާއި ހެދި ކަމަށް މުނިފޫހިފިލުވައިދޭ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

ސިދާތް ސެންގުޕްތާ ޑައިރެކްޓުކޮށްފައިވާ "ޔޭ ކާލީ ކާލީ އާންކޭ" ނެޓްފްލިކްސްއިން ދައްކަން ފެށީ މިއަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހުއެވެ. މި ސީރީޒްގައި ދައްކުވައިދެނީ އާދައިގެ މީހަކު މަޖޫބޫރުން ނުފޫޒުގަދަ ސިޔާސީ މީހެއްގެ ދަރިފުޅާ އިނުމަށްފަހު، އޭނާގެ ހަޤީޤީ ލޯބި ފޮރުވަން ނުވަތަ ސަލާމަތް ކުރަން ކުރާ މަސައްކަތެވެ. ފުރަތަމަ ސީޒަންގައި ޖުމްލަ 8 އެޕިސޯޑެއް ގެނެސްދީފައިވެއެވެ.