ޚަބަރު

ކެންޔާގެ ރައީސްކަމަށް ވިލިޔަމް ރޫޓޯ


ވިލިޔަމް ރޫޓޯ ކެންޔާގެ ރައީސް ކަމުގެ މަޤާމުގެ ހުވާ ކުރައްވައިފިއެވެ. ކެންޔާއަކީ، އިރުމަތީ އެފްރިކާ ބައްރުގެ ޤައުމުތަކުގެ ތެރެއިން އެންމެ މުއްސަނދި އެއް ޤައުމެވެ. ނިމިދިޔަ ވެރިކަމުގައި ރޫޓޯ އަކީ އެ ޤައުމުގެ ނައިބު ރައީސެވެ. ރިޔާސީ އިންތިޚާބުގައި 55 އަހަރުގެ ރޫޓޯ ވާދަ ކުރައްވާފައި ވަނީ އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާއާއެވެ.

ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އުހުރު ކެންޔައްޓާ ތާޢީދު ކުރައްވާފައި ވަނީ އޮޑިންގާއަށެވެ. އިންތިޚާބުގައި ނާކާމިޔާބުވުމުން އޮޑިންގާ ވަނީ، އިންތިޚާބުގެ ނަތީޖާއާ މެދު ސުވާލު އުފައްދަވައި، ކޯޓަށް މައްސަލަ ހުށަހަޅުއްވާފައެވެ. ނަމަވެސް، ކެންޔާގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނީ، އިންތިޚާބުގެ ނަތީޖާއަށް އަސަރު ކުރާ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށާއި، އަލުން އިންތިޚާބު ބާއްވަން ނުޖެހޭ ކަމުގައެވެ.

"ކެންޔާގެ ރައީސް ކަމުގެ މަޤާމަށް އައިސްފައި މި ވަނީ ރަށްފުށު ހިސާބެއްގެ އަވަށަކަށް އުފަން ކުއްޖެއް،" ރައީސް ކަމުގެ މަޤާމުގެ ހުވައި ކުރެއްވުމަށް ފަހު އޭނާއަށް ތާޢީދުކުރާ މީހުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރޫޓޯ ވިދާޅުވިއެވެ. ނަމަވެސް، އޭނާއަކީ އެ މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅާގެ ގޮތުގައި ކެންޔައްޓާ ދެކެވަޑައެއް ނުގަންނަވައެވެ.

"ރޫޓޯއަކީ ވެރިކަމަށް ކުފޫ ހަމަވާ މީހެއް ނޫން،" ކެންޔައްޓާ ވިދާޅުވިއެވެ. ނަމަވެސް، އޮޑިންގާ ވަނީ ސުޕްރީމް ކޯޓުގެ ނިންމުމަށް އިހުތިރާމު ކުރާ ކަމުގައި ބުނެފައެވެ. މިއީ، ރިޔާސީ އިންތިޚާބުގައި އޮޑިންގާ ވާދަ ކުރެއްވި ފަސްވަނަ ފަހަރެވެ. ހުރިހާ ފަހަރެއްގައި ވެސް އޭނާއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެފައެވެ.

2007 ވަނަ އަހަރާއި 2017 ވަނަ އަހަރު ކެންޔާގައި ބޭއްވި ރިޔާސީ އިންތިޚާބުތަކާ ގުޅިގެން އެ ޤައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައިވެއެވެ. 2007ގެ ހަމަނުޖެހުންތަކުގައި 1,200 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އަދި، އޭގެ 10 އަހަރު ފަހުން ހިނގި ހަމަނުޖެހުންތަކުގައި ހާހަކަށްވުރެ ގިނަ މީހުން މަރުވިއެވެ.

ކެންޔާގެ ރިޔާސަތަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ރޫޓޯއަށް ކުރިއަށް އޮތީ ދަތި ދުވަސްތަކެކެވެ. އޭނާއަށް ކުރިމަތިލައްވަން ޖެހިފަ ވަޑައިގަންނަވާފައިވާ އެންމެ ބޮޑު މައްސަލައަކީ ކެންޔާގެ އިޤްތިޞާދީ ހާލަތެވެ. ކެންޔާގައި ކާބޯތަކެއްޗާއި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. އަދި، ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވެފައި ވާއިރު، ދަރަނި ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ރައީސް ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ރޫޓޯ އެންމެ ފުރަތަމަ ވެސް ނިންމަވާފައި ވަނީ، އެ ޤައުމުގެ އިސްތިއުނާފު ކޯޓަށް ހަ ފަނޑިޔާރުން ޢައްޔަންކުރެއްވުމެވެ. އަދި، ކެންޔާގެ ފުލުހުންނަކީ މަދަނީ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައި، ރައީސް އޮފީހުގެ ބާރުގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކި ކުރަން ނިންމެވިއެވެ. އަދި، 2030 ވަނަ އަހަރުގެ ކުރިން ކެންޔާގައި ބޭނުންކުރާ ހަކަތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ވަޢުދުވެ ވަޑައިގެންނެވިއެވެ.