ޚަބަރު

ސޮމާލިޔާގައި ބައި މިލިޔަން ކުދިން ބަނޑަށް މަރުވުމުގެ ބިރު


ސޮމާލިޔާގައި ބައި މިލިޔަނަށް ވުރެ ގިނަ ކުޑަކުދިންނަށް ހައިހޫނުކަމާ ކުރިމަތިވެ، ބަނޑަށް މަރުވުމުގެ ބިރާ ކުރިމަތިލާން ޖެހިފައިވާ ކަމުގައި އ.ދ.ގެ ކުޑަކުދިންނާ ބެހޭ ފަންޑް ޔުނިސެފްއިން ބުނެފިއެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި ސޮމާލިޔާއަށް ވާރޭ ވެހިފައި ވަނީ ވަރަށް މަދުންނެވެ. އަދި، އެ ޤައުމަށް މިހާރު ކުރިމަތިވެފައިވާ ހަނަފަސްކަމުގެ އަސަރު މި އަހަރުގެ ފަހުކޮޅު އިތުރަށް ގޯސްވާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

އެކި ސަބަބުތަކާ ގުޅިގެން ސޮމާލިޔާގައި އެތައް މިލިޔަން ބަޔަކު ވަނީ ކާބޯތަކެއްޗަށް ޖެހިފައެވެ. ސަބަބުތަކުގެ ތެރޭގައި ވާރޭ ނުވެހި ގިނަ ދުވަސް ކުރުން ކުރިމަތިވެފައިވާ ހަނަފަސްކަމާއި، ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް އުފުލުން ހިމެނެއެވެ. ސޮމާލިޔާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެ ޤައުމުގެ ސަރުކާރު ވަނީ ނުކުޅެދިފައެވެ.

މި ކަމުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ އެ ޤައުމުގެ ކުޑަކުދިންނަށެވެ. ޔުނިސެފްއިން ބުނީ، ސޮމާލިޔާގައި ހައިހޫނުކަމާ ކުރިމަތިލާން ޖެފައިވާ ފަސް އަހަރުން ދަށުގެ ކުދިންގެ އަދަދު ބައި މިލިޔަނަށް އަރާ ކަމުގައެވެ. އަދި، އެ ކުދިންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމުގައި އެ އިދާރާއިން އިންޒާރު ކުރެއެވެ.

"ސޮމާލިޔާގައި މަރުގެ ތުންފަތްމަތީގައި ތިބި ކުޑަކުދިންގެ އަދަދު ބައި މިލިޔަނަށް ވުރެ ގިނަ. އެއީ، ސަލާމަތް ކުރެވިދާނެ ފުރާނަތަކެއް. އެ ޤައުމަށް ވަނީ އިންސާނީ މުސީބާތެއް ކުރިމަތިވެފައި،" ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑަރ ވިދާޅުވިއެވެ.

ފާއިތުވި ހަތަރު އަހަރެކޭ އެއް ފަދައިން މި އަހަރުގެ ވިއްސާރަ މޫސުމުގައި ވެސް ސޮމާލިޔާއަށް ވާރޭ ވެހޭނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ. މީގެ ކުރިން އެ ޤައުމުގައި ހައިހޫނުކަމުގެ ހާލަތު އެންމެ ގޯސްވެފައި ވަނީ 2011 ވަނަ އަހަރުއެވެ. އެ އަހަރު ބަނޑަށް ޖެހިގެން 25,000 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. މި އަހަރު ސޮމާލިޔާގެ ހާލަތު އިތުރަށް ގޯސްވާނެ ކަމުގައި އ.ދ.އިން އިންޒާރު ކުރެއެވެ.

އެ ޤައުމުގައި ހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާ ކުޑަކުދިންގެ އަދަދު މިހާރު ވެސް 513,000 އަށް އަރާ ކަމުގައި އ.ދ.އިން ބުނެއެވެ. މިއީ، ޖުލައި މަހު ހަދާފައިވާ އަންދާޒާތަކަށް ވުރެ 30 އިންސައްތަ އިތުރު އަދަދެކެވެ. ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެކަނި ވެސް، ބަނޑަށް ޖެހިގެން 700 އަށްވުރެ ގިނަ ކުޑަކުދިން އެ ޤައުމުގައި މަރުވެފައިވެއެވެ.

ސޮމާލިޔާގެ އެކި ކަންކޮޅުތަކުގައި ހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާ ކުދިންނަށް ފައިދާހުރި ކާނާ ފޯރުކޮށްދިނުމަށް ޔުނިސެފްއިން ވަނީ މަރުކަޒުތަކެއް ޤާއިމު ކޮށްފައެވެ. ނަމަވެސް، މިހާރު ވެސް އެ ތަންތަން ވަނީ ފުރިފައެވެ. "އެ މަރުކަޒުތަކުގައި ބަލި ކުދިން ވެސް އެބަތިބި. އެ ކުދިންނަށް ފަރުވާ ދޭނެ ގޮތެއް ނެތް. ކޮންމެ ގަޑިއިރެއްގެ ތެރޭގައި ކުޑަކުދިން ދަނީ މަރުވަމުން،" އެލްޑަރ ވިދާޅުވިއެވެ.

އެފްރިކާ ބައްރުގެ އިރުއުތުރުގައިވާ ޤައުމުތަކުގައި ކާބޯތަކެއްޗަށް ޖެހިފައިވާ މީހުންގެ އަދަދު 66.4 މިލިޔަނަށް އަރާ ކަމުގައި ވޯލްޑް ބޭންކުން ބުނެއެވެ. މީގެ ތެރެއިން 10 މިލިޔަނަކީ ކުޑަކުދިންނެވެ. އަދި، ބަނޑަށް މަރުވުމުގެ ބިރާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ އަދަދު 22 މިލިޔަނަށް އަރާނެ ކަމުގައި ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު (ޑަބްލިޔު.އެފް.ޕީ)އިން ބުނެއެވެ.

ސޮމާލިޔާގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަށް މިހާރު ވަނީ ހައިހޫނުކަމާ ކުރިމަތިލާން ޖެހިފައެވެ. މީގެ އިތުރުން އިތިއޯޕިޔާއާއި ކެންޔާގައި ވެސް އެތައް މިލިޔަން ކުޑަކުދިންނަކަށް ހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާ ކަމުގައި ޑަބްލިޔު.އެފް.ޕީ.އިން ބުނެއެވެ.

އެ ޤައުމުތަކުގައި ކާބޯތަކެއްޗަށް ޖެހިފައިވާ މީހުންނަށް އެހީވުމަށް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި 473 މިލިޔަން ޑޮލަރު ބޭނުންވާނެ ކަމުގައި ވެސް އެ އިދާރާއިން ބުނެއެވެ. ފެބުރުވަރީ މަހުގެ ތެރޭގައި ވެސް ޑަބްލިޔު.އެފް.ޕީ.އިން ވަނީ އެހީއަށް އެދިފައެވެ. ނަމަވެސް، އެ ގޮވައިލުމަށް އިޖާބަދީ، އެ އިދާރާއަށް ލިބިފައި ވަނީ ވަރަށް ކުޑަ މިންވަރެއްގެ އެހީތެރިކަމެކެވެ.

ޖޫން މަހުގެ ތެރޭގައި ވޯލްޑް ބޭންކުން ވަނީ އިރުއުތުރު އެފްރިކާގެ ޤައުމުތަކަށް އެހީތެރިވުމަށް 327.5 މިލިޔަން ޑޮލަރު ދިނުމަށް އެއްބަސްވެފައެވެ. މި ފައިސާ ޚަރަދު ކުރާނީ ޖިބޫޓީއާއި އިތިއޯޕިޔާއާއި ކެންޔާގެ އިތުރުން ސޮމާލިޔާގައި ނައަމްސޫފި ހުއިހެއްޕާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.