ޚަބަރު

ފަރަންސޭސި ވިލާތުގެ ހުޅަނގު ދެކުނުގެ ޖަންގަލިތައް އަނދަނީ


ފަރަންސޭސި ވިލާތުގެ ހުޅަނގު ދެކުނުގައިވާ ސަރަޙައްދުތަކުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް މީހުން ދިރިއުޅޭ ހިސާބުތަކަށް ފެތުރި، ހަތަރު ގެއެއް އަނދައިފިއެވެ. އެންމެ ބޮޑަށް އަލިފާން ރޯވެފައި ވަނީ އެ ޤައުމުގެ ހުޅަނގު ދެކުނުގައިވާ ރަށެއް ކަމުގައިވާ ސޮމޯގެ ޖަންގަލިތަކުގައެވެ.

އެ ރަށުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވައިލުމަށް ގިނަ އަދަދެއްގެ ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. އެ ރަށުގެ ޖަންގަލިތަކުގެ 1,300 ހެކްޓަރުގެ ސަރަޙައްދެއް ވަނީ މުޅިން އަނދާފައެވެ. އަލިފާންގަނޑު ކޮންޓްރޯލް ނުކުވެރި، މީހުން އާބާދުވެފައިވާ ސަރަޙައްދުތަކަށް ފެތުރުމާ ގުޅިގެން، އެ ރަށުގައި ދިރިއުޅޭ 540 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ.

ޖޫން މަހުގެ ފަހުން ފަރަންސޭސި ވިލާތުގައި ފިނިހޫނުމިން ތިން ފަހަރެއްގެ މަތިން ވަނީ އާދަޔާ ޚިލާފަށް މައްޗަށް އުފުލިފައެވެ. މިއީ، 1900 ގެ އަހަރުތަކަށް ފަހު އެ ޤައުމުގައި ފިނިހޫނުމިން މިހާ މައްޗަށް އުފުލުނު ދެވަނަ ހޫނު މޫސުމެވެ. ޖޫން މަހުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށް އެ ޤައުމުގައި ފިނިހޫނުމިން އެވުރެޖުކޮށް 2.3 ޑިގްރީ ސެލްސިއެސް އުފުލިފައިވާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

އެ ޤައުމުގައި އެންމެ ފަހުން މިހާ މައްޗަށް ފިނިހޫނުމިން އުފުލިފައި ވަނީ 2003 ވަނަ އަހަރުއެވެ. އެ ފަހަރު، ހޫނު ގަދަވުމާ ގުޅިގެން 15,000 އަށްވުރެ ގިނަ މީހުން މަރުވިއެވެ. ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. ފަރަންސޭސި ވިލާތުގައި ފިނިހޫނުމިން އިންތިހާއަށް އުފުލިފައި މި ވަނީ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކަމުގައި ކަމާގުޅޭ މާހިރުން ބުނެއެވެ.

މި އަހަރުގެ މިހާތަނަށް އެ ޤައުމުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ ސަބަބުން 60,000 ހެކްޓަރުގެ ބިން ވަނީ އަނދާފައެވެ. މީގެ ތެރެއިން އެންމެ ބޮޑަށް އަސަރު ކޮށްފައި ވަނީ އެ ޤައުމުގެ ހުޅަނގު ދެކުނުގެ ސަރަޙައްދުތަކަށެވެ. އެއީ، 2006 ވަނަ އަހަރާއި 2021 ވަނަ އަހަރާ ދެމެދު ހިނގާފައިވާ އަލިފާނުގެ ހާދިސާތަކުގައި އަނދާފައިވާ ބިމާއި އެއް ވަރުގެ ސަރަޙައްދެކެވެ.

ފާއިތުވި ހަ އަހަރުގެ ތެރޭގައި ހޫނު މޫސުމުގައި އެ ޤައުމުގައި ފިނިހޫނުމިން ވަނީ އިންތިހާއަށް އުފުލިފައެވެ. މި އަހަރުގެ ހޫނު މޫސުން ފެށުނު ފަހުން އެ ޤައުމުގެ ހުޅަނގު ދެކުނުގެ ސަރަޙައްދުގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑުތައް ނިއްވައިލެވުނީ މަހަކަށް ވުރެ ގިނަ ދުވަހުގެ މަސައްކަތަށް ފަހުއެވެ. އެ އަލިފާންގަނޑުތަކުގައި 20،000 ހެކްޓަރުގެ ބިން ވަނީ އަނދާފައެވެ.