އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2ވަނައިގެ ޖަނާޒާގައި ބައިވެރިވެވަޑައިތުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެޤައުމަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ތާރިޚެއް ރައީސް އޮފީހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.
ރާނީ އެލިޒަބަތުގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެންބަރު 19ވަނަ ދުވަހުއެވެ. ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެސްޓްމިންސްޓަރ އެބީގައެވެ. މި ޖަނާޒާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޤައުމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެކަމަށް އިނގިރޭސި ޝާހީ ގަނޑުވަރުން ހާމަކުރައްވައެވެ.
ރާނީ އެލިޒަބަތު އަވަހާރަވުމާ ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ، އިނގިރޭސި އައު ރަސްގެފާނަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވާފަައެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ރާނީ އެލިޒަބަތު 2ވަނަ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއިއެކު ކަމަށާއި އަދި ކޮމަންވެލްތުގެ މެމްބަރު ޤައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖޭގެ ރައްޔިތުންވެސް މިހިތާމައިގައި ބައިވެރިވާކަމުގައި ވަނީ ވިދާޅުވެފައެވެ.
އަދި އެކަމަނާގެ 70 އަހަރުފުޅުވީ މޫރިތި ރަނިކަމުގައި، އެކަމަނާގެ ހަޔާތްޕުޅުގައި، ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގެ ވާޖިބު އަދާކުރައްވައި، ދުނިޔެއަށް ބަދަލުތަކެއް ގެނެސްދެވިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިމެސެޖުގައި ވަނީ، އިނގިރޭސި ޝާހީ ޢާއިލާއަށާއި އިނގިރޭސި ރައްޔިތުންނަށާއި ކޮމަންވެލްތުގެ މެމްބަރުންނަށް ތަޢުޒިޔާ ފޮނުއްވާފައެވެ. މި ހިތާމައިގައި ބައިވެރިވުމަށް، ދިވެހިރާއްޖޭގެ ޤައުމީ ދިދަ، 3 ދުވަހުގެ މުއްދަތަށް ބައިގަނޑިއަށް ތިރިކޮށްފައިވެއެވެ.