ކުޅިވަރު

ވެލެންސިޔާގެ ޕްރެކްޓިސް ފަށައިފި


ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން ކްލަބް ވެލެންސިޔާގެ ޕްރެކްޓިސް މިއަދު ހަވީރު ފަށައިފިއެވެ. ވެލެންސިޔާގެ ޕްރެކްޓިސް ފެށީ މިދިޔަ ސީޒަންގައިވެސް ކްލަބްގައި މަސައްކަތްކުރި ކޯޗިންގ ޓީމާއެކުގައެވެ. އެއީ ޓްރޭނަރ އިސްމާއީލް އާސިފް ( ކުޑަހީނާ ) އާއި ކޯޗު މުޙައްމަދު އިޤްބާލެވެ.ވެލެންސިޔާއިން ޕްރެކްޓިސް ފެށިއިރު ޓީމާއި އަލަށް ގުޅުނު ގިނަ ކުޅުންތެރިން ވަނީ ޕްރެކްޓިސްގައި ބައިވެރިވެފައެވެ. އޭގެ ތެރޭގައި ނިއުއިން ވެލެންސިޔާއަށް ބަދަލުވި ޑިފެންޑަރ ޝާފިއު އަހުމަދާއި، މުޙައްމަދު ޝިފާނާއި، މިދިޔަ ސީޒަންގެ ކުރީ ބައިގައި އީގަލްސްއަށް ކުޅުނު ހަސަން އަދުހަމްއާއި، ކީޕަރު މުޙައްމަދު ފައިސަލް ހިމެނެއެވެ.މިދިޔަ ސީޒަންގައި ވެލެންސިޔާއަށް ކުޅުނު މުޙިންމު ކުޅުންތެރިންވެސް ވަނީ ކްލަބްގައި މަޑުކޮށްފައެވެ. ފާއިތުވި ހަތަރު ފަސް ސީޒަންގައިވެސް ވެލެންސިޔާ ފެނުނީ ތަންކޮޅެއް އާދައިގެކޮށެވެ. ނަމަވެސް ކުރިއަށް އޮތް ސީޒަންގައި ބިދޭސީ ކުޅުންތެރިންނާއެކު ވެލެންސިޔާ ވަރުގަދަވާނެކަމަށް ބެލެވެއެވެ.ވެލެންސިޔާއަކީ ކުރިއަށް އޮތް ސީޒަނަށް ޕްރެކްޓިސް ފެށި ތިންވަނަ ކްލަބެވެ. މީގެކުރިން ނިއުރޭޑިއަންޓާއި، މާޒިޔާއިން ވަނީ ޕްރެކްޓިސް ފަށާފައެވެ.