ވިޔަފާރި

މޯލްޑިވިއަންގެ ބޮޑު ބޯޓު ދޫކޮށްލައި ދިގު ދަތުރުތަކުގައި ބޭނުންކުރެވޭ އައު ބޯޓެއް ގެންނަނީ


މޯލްޑިވިއަންގެ ފްލީޓްގައި އޮތް ބޮޑު ބޯޓު ދޫކޮށްލުމަށްފަހު ދިގު ދަތުރުތަކުގައި ބޭނުންކުރެވޭ އައު ބޯޓެއް ހޯދުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ. މޯލްޑިވިއަންގެ ފްލީޓްގައި މިހާރު އޮތް އެންމެ ބޮޑު ބޯޓަކީ އެއަރބަސް-އޭ321 ގެ ބޯޓެކެވެ.

މިބޯޓު ކުއްޔަށް ގެނައީ 20 ޖަނަވަރީ 2015 ގައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު ޖެނިފާ ވިދާޅުވީ، އެ ކުންފުނީގެ ފްލީޓްގައި ހިމެނޭ އެންމެ ބޮޑު ބޯޓު ދޫކޮށްލަނީ ކުއްޔަށް ނެގި މުއްދަތު ހަމަވާތީކަމަށެވެ.

މި ބޯޓަށް ވަނީ ވަރަށް ގިނަދުވަސް ވެފައިކަން ޖެނިފާ ވިދާޅުވިއެވެ. އެހެންކަމުން އޭގެ މެއިންޓަނަންސް ފީއަށް ބޮޑު ހޭދައެއް ކުރަންޖެހޭތީ އެ ބޯޓު ފޮނުވާލުމަށްފަހު އައު ބޯޓެއް ގަތުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ބޮޑު ބޯޓުގެ ލީސް ޓާމް ހަމަވާނެ މިއަންނަ އަހަރުގެ މާރޗްއަށް. އެއީ 8 އަހަރާއި 2 މަސްދުވަހަށް ގެނެއްސައިން ބޯޓެއް. ލީސްގެ މުއްދަތު ހަމަވާތީ އެބޯޓު މި ފޮނުވާލަނީ. ފުދޭވަރަކަށް ދުވަސްވެފައި، ގާތްގަނޑަކަށް 20 އަހަރަށް ދާން ކައިރިވެފައި 17 އަހަރު ވެފައި އިން ބޯޓެއް. އޭގެ މެއިންޓަނަންސް ކޯސްޓްތަކާއި އެއްޗެހި ފުދޭވަރަކަށް ބޮޑު. އެހެންވީމަ އަޅުގަނޑުމެން ބޭނުންވަނީ އައު ބޯޓެއް ހޯދަން." ޖެނިފާ ވިދާޅުވިއެވެ.

ޖެނިފާ ވިދާޅުވީ، މި ބޯޓަކީ ދިގު ދަތުރުތަކަށް ބޭނުންކުރެވޭ ބޯޓެއް ނޫންކަމަށެވެ. އެހެންކަމުން ކުންފުނީގެ ވިސްނުން ހުރީ ދިގު ދަތުރުތަކުގައި ބޭނުންކުރެވޭ ފެންވަރުގެ ބޯޓެއް ހޯދުންކަމަށެވެ. އަދި ވާދަވެރިކޮށް މި މަސައްކަތް ކުރެވޭނީވެސް އައު ބޯޓެއް ގެނެސްގެންކަން އޭނާ ފާހަގަކުރެއްވިއެވެ.

މޯލްޑިވިއަންގެ ފްލީޓްގައި މިހާރު 23 ބޯޓެއް އެބައޮތެވެ. މޯލްޑިވިއަނުން ބައިނަލްއަޤްވާމީ ދަތުރުތައް މިހާރު ކުރަމުންދަނީ އިންޑިއާގެ ޓްރިވެންޑްރަމްއާއި ކޮޗިންގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށެވެ.