ފޯމިއުލާ ވަން ކާރު ރޭސް ސީޒަނުގައި ހިމެނޭ އިޓާލިއަން ގްރޯން ޕްރީ ރެޑްބުލްގެ މެކްސް ވާސްޓަޕެން ކާމިޔާބުކޮށްފިއެވެ.
އޭނާ މި ރޭސް ކާމިޔާބުކޮށްފައިވަނީ އެއް ގަޑިއިރާއި ވިހި މިނެޓް ހަތާވީސް ޕޮއިންޓް ފަހެއް އެކެއް އެކެއް ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރޭހުގައި އޭނާ އާއި އެންމެ ގާތުން ވާދަކުރި ރެފާރީގެ ޗާލްސް ލެކްލާކަށް ރޭސް ނިންމުނީ ދޭއް ޕޮއިންޓް ހަތަރެއް ހަތަރެއް ހައެއް ސިކުންތު ފަހުންނެވެ. އަދި ތިންވަނައަށް ގޮސްފައިވަނީ މަރސިޑީޒްގެ ޖޯޖް ރަސެލްއެވެ.
މި ކާމިޔާބީއާއެކު ލިބިފައިވާ 25 ޕޮއިންޓާއެކު ވަރސްޓަޕެންއަށް މިހާރުވަނީ 335 ޕޮއިންޓް ލިބިގެން ގޮސްފައެވެ. ލެކްލާކް ދެވަނައިގަ އުޅެނީ 219 ޕޮއިންޓާއެކުއެވެ. އެހެން ކަމުން ދެން އޮންނަ ސިންގަޕޯރ ގްރޯން ޕްރީ ކާމިޔާބުކޮށްގެން އެފް ވަންގެ ދުނިޔޭގެ ޗެމްޕިއަންކަން ދިފާއުކުރުމުގެ ފުރުސަތު ވަރސްޓަަޕެންއަށް އެބައޮތެވެ.
ރޭ ކުރިއަށް ދިޔަ އިޓާލިއަން ގްރޯން ޕްރީގައި ފެރާރީއިން ކަންކުރިގޮތަށް ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަނެއްކާވެސް އަމާޒުވެފައެވެ. ރޭގެ ރޭހުގައި ދެފަހަރުވެސް ވަރސްޓަޕެންއަށް ވުރެ ކުރީގައި އޮވެފައި ޕިޓް ސްޓޮޕް ހެދުމުގެ ސަބަބުން ގެއްލުން ދެއްކީއެވެ.
މިފަހަރުގެ އެފް ވަން ސީޒަންގައި އެންމެ ދުވެލި ބާރު ކާރުގެ ގޮތުގައި ފެރާރީގެ ކާރު ހިމެނިފައިވީ ނަމަވެސް އެޓީމަށް ރޭސް ތަކުގައި ހެދޭ ގޯސް ތަކުގެ ސަބަބުން ވަރަށް ގިނަ ފަހަރަށް ރޭސް ގެއްލިފައިވެއެވެ. ކޮންސްޓްރަކްޓަރސް ތާވަލަށް ބަލާލާއިރުވެސް ކުރީގައި އުޅެނީ ރެޑް ބުލްއެވެ. އެޓީމަށްވަނީ 545 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގާ އުޅޭ ފެރާރީއަށް ލިބިފައިވަނީ 406 ޕޮއިންޓެވެ. އަދި ތިންވަނައިގާ އުޅެނީ 371 ޕޮއިންޓާއެކު މަރސިޑީޒްއެވެ.