ސްޕެނިޝް ލީގުގައި ފަހަތުން އަރައި މަޔޯކާ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން މި ސީޒަނުގައި މިހާތަނަށް ދަމަހައްޓަމުން އަންނަ ސައްތައިން ސައްތަ ރިކޯޑު ދަމަހައްޓައިފިއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗް އެޓީމް ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލުންނެވެ. ނަމަވެސް މި މެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މަޔޯކާއެވެ. މި ލަނޑު މެޗްގެ 35 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ވެދާތު މުރީގީއެވެ.
ނަމަވެސް ރެއާލްއިން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފެޑެރީކޯ ވަލްވަރޑޭއެވެ. އަދި މެޗްގެ ލީޑު ރެއާލްއަށް ނަގާދިނީ މެޗްގެ 72 ވަނަ މިނެޓްގައި ވިނިޝިއަސް ޖޫނިއަރ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ރެއާލްގެ ތިންވަނަ ލަނޑު މެޗްގެ ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޖަހާދިނީ ރޮޑްރިގޯއެވެ. އަދި ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާދިނީ އެންޓޯނިއޯ ރުޑިގަރއެވެ.
މިއީ މި ސީޒަންގައި ރެއާލް އާއި ގުޅުނު ރުޑިގަރ އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މި މެޗް ރެއާލް ކުޅެފައިވަނީ އެޓީމްގެ ތަޖްރިބާކާރު ފޯވަޑް ކަރީމް ބެންޒެމާ ނެތިއެވެ. އޭނާއަށް ވަނީ އެންމެފަހުން ޗެމްޕިއަންސް ލިގުގައި ސެލްޓިކާއި އެކު ކުޅުނު މެޗްގައި އަނިޔާވެފައެވެ. މި އަނިޔާގެ ސަބަބުން އަންނަ ބުދަދުވަހު އާރްބީ ލިޕްޒިގާއެކު ކުޅޭ ޗެމްޕިއަންސް ލީގު މެޗާއި ލީގުގައި ވާދަވެރި އެޓްލެޓިކޯ މެޑްރިޑާއި އަންނަ އާދީއްތަ ދުވަހު ކުޅޭ މެޗްގައި ނުކުޅެވޭނެއެވެ.
މި ކާމިޔާބީއާއެކު ރެއާލަށް މިހާރު މިވަނީ ކުޅުނު ފަސް މެޗްވެސް ކާމިޔާބުކޮށް ލިބިފައިވާ 15 ޕޮއިންޓާއެކު ތާވަލްގައި ދެ ޕޮއިންޓްގެ ލީޑެއް ލިބިގެންގޮސްފައެވެ. މަޔޯކާ އުޅެނީ ފަސް ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.