ކުޅިވަރު

ޔޫއެސް އޯޕަން: ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ޒުވާން އަލްކަރާޒަށް


އަހަރުގެ ފަހު ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ކާލޯސް އަލްކަރާޒް ހޯދައިފިއެވެ.

އޭނާ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އާދީއްތަ ދުވަހުގެ ރޭ ކުޅުނު ފައިނަލްގައި ނޯވޭގެ ކެސްޕަރ ރުޑް އާއި ބައްދަލުކޮށް މެޗް ކާމިޔާބުކޮށްގެންނެވެ. މި މެޗު އަލްކަރާޒް ކާމިޔާބުކޮށްފައިވަނީ ތިން ސެޓް އެއް ސެޓުންނެވެ. އެއި ހައެއް ހަތަރެއް، ދެއެއް ހައެއް، ހަތެއް ހައެއް އަދި ހައެއް ތިނަކުންނެވެ.

މި ކާމިޔާބީއާއެކު އަލްކަރާޒް ވެފައިވަނީ 2005 ވަނަ އަހަރުގެ ފްރެންޗް އޯޕަން ރަފައަލް ނަޑަލް ކާމިޔާބުކުރި ފަހުން ގްރޭން ސްލޭމް މުބާރާތެއް ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އަދި އަލްކަރާޒް ކުޅެ އަދި ކާމިޔާބުކުރި ފުރަތަމަ ގްރޭން ސްލޭމް މުބާރާތާއެކު އޭނާއަށް މިވަނީ ދުނިޔޭގެ ރޭންކިންގ ގެ އެއްވަނަވެސް ލިބިގެންގޮސްފައެވެ. މިއާއެކު އަލްކަރާޒް ވެގެން ގޮސްފައިވަނީ އޭޓީޕީގެ 49 އަހަރުވީ ތާރީހްގައި ޓީނޭޖް ކުޅުންތެރިއެއް މި މަގާމަށް އެރި ފުރަތަމަ ފަހަރަށެވެ.

މެޗަށްފަހު ވާހަކަދައްކަމުން އުފަލުންގޮސް ރޮވިފައިހުރި އަލްކަރާޒް ހާމަކުރިގޮތުގައި ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާގެ މަގާމު ހޯދުމާ، ގްރޭން ސްލޭމް މުބާރާތެއް ކާމިޔާބު ކުރުމަކީ އޭނާ ކުޑައިރުން ފެށިގެން ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އަދި އެ ކާމިޔާބީ ހޯދުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށާއި މިއީ ވަރަށް ހާއްސަ ކާމިޔާބީއެއް ކަމަށް އޭނާ ބުންޏެވެ.

އަލްކަރާޒްއަކީ ޓެނިހުގެ ދުނިޔޭގައި ވިދާލާނެ ތަރިއެއްގެ ގޮތުގައި އޭނާގެ އުމުރުން 11 އަހަރުގައި ފާހަގަ ކުރެވެންވަނީ ފަށާފައެވެ. އަދި ވޭތުވެދިޔަ ދެ އަހަރެއްގެ ތެރޭގައި އޭނާ ދައްކަމުންދިޔަ ކުޅުމުގެ ސަބަބުން އޭނާ ޓެނިހުގެ ދުނިޔޭގެ އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތު ކުރާނެކަމަށް ޓެނިހުގެ މާހިރުން ދިޔައީ ބުނަމުންނެވެ. އަދި މިއީ އޭނާ ކާމިޔާބު ކުރާނެ ގްރޭން ސްލޭމް ހަމައެކަނި މުބާރާތަށް ވެގެން ނުދާނެކަމަށްވެސް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.