ޚަބަރު

އަމާޒަކީ އިސް ސަފުގައި މަސައްކަތްކުރާ އަންހެނުންގެ ޢަދަދު އިތުރުކުރުން - ރައީސް


އަމާޒަކީ ސަރުކާރުގެ އެންމެ އިސް ސަފުގައި މަސައްކަތްކުރާ އަންހެނުންގެ ޢަދަދު މިހާރަށްވުރެވެސް އިތުރު ކުރެއްވުންކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، 3ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތެރެއިން، އެންމެ ފުރަތަމަ ކުރިޔަށް ގެންދިޔަ މިންތީގެ ހަމަހަމަކަމާގުޅޭ ޕެނަލްޑިސްކަޝަންގެ ރިޔާސަތު ބަލަހައްޓަވައި، ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިޔާސީ، އިޤްތިޞާދީ، އިޖުތިމާޢީ މައިދާނުގައި، އަންހެނުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދީ، އަންހެނުން ބާރުވެރި ކުރުވުމަކީ ސަރުކާރުން މިހާރުވެސް ތަންފީޒު ކުރައްވަމުން އަންނަ ވަރަށް މުހިންމު ސިޔާސަތެއްކަމަށެވެ. ހުރިހާ ދާއިރާއެއްގައި މިންތީގެ ހަމަހަމަކަން ޤާއިމްކޮށް، ސަރުކާރުން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި، "ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭނެއް" ވެސް އެކުލަވާލައި މިހާރު ފާސްކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިޔާސީ މައިދާނުގައި ވަކިން ޚާއްޞަކޮށް، ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ. ވަޒީރުންގެ މަޖިލީހުގައި މިހާރު އަންހެނުންގެ ނިސްބަތަކީ %33ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އަމާޒަކީވެސް، އުންމީދަކީވެސް ސަރުކާރުގެ އެންމެ މަތީ ފަންތީގައި މަސައްކަތްކުރާ އަންހެނުންގެ ނިސްބަތް އިތުރުވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ސަފީރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންގެ ނިސްބަތްވެސް މިހާރު ހަމަހަމަ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އިންތިޚާބީ މަޤާމުތަކުގެ ތެރެއިން ކައުންސިލްތަކުގެ، %33 ގޮނޑި އަންހެނުންނަށް ކަނޑައަޅާފައިވެއެވެ. މިހާރު ކައުންސިލްތަކުގެ، %39.8އަކީ އަންހެން ކައުންސިލަރުންނެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ޕެނަލް ޑިސްކަޝަންގައި ފުރަތަމަ ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ، މިންތީގެ ހަމަހަމަކަމުގެ މައުޟޫޢުގެ މައްޗަށެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސަތު ބެލެހެއްޓެވި މި ސެޝަންގައި އެމަނިކުފާނާއެކު، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދުދީދީއާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އަލްއުސްތާޛު ފައްޔާޟް އިސްމާޢީލާއި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފާއި، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުޤައްރިރު، ޖީހާން މަޙްމޫދު ބައިވެރިވެވަޑައިގެންނެވިއެވެ.

މިސެޝަންގައި، މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކާއި އަދި ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން، ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ވަނީ ކޮންފަރެންސްގެ ބައިވެރިންނާ މަޢުލޫމާތު ޙިއްޞާ ކުރައްވައި ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ. މިނިސްޓަރ ވަނީ، ހަމަހަމަކަން ޤާއިމުކުރުމުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ބައިނަލްއަޤްވާމީ މައިދާނުގައިވެސް ބަލައިގަންނަކަން ފާހަގަކުރައްވާފައެވެ.

"ޔޫއެންގެ ސީޑޯ ކޮމިޓީއަށްވެސް މިކަންކަން ދަނީ ހުށައަޅަމުން. އެ ކޮމިޓީންވެސް މިހާރު ޤަބޫލުކުރޭ މިންތީގެ ހަމަހަމަކަން ޤާއިމުކުރަން ރާއްޖެއިން ގިނަ މަސައްކަތަކެއް ކުރާކަމާއި، ކާމިޔާބު ހޯދަމުންދާކަން." މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ވިއަވަތި ރާއްޖެ ކޮންފަރެންސް، ފެށުމުގެ ކުރިން ބޭއްވި "ފަނޯއްލަ" ދަރުބާރުގައި، ކައުންސިލަރުން މަޝްވަރާކުރައްވައި ފާހަގަކުރެއްވި ކަންކަމާއި ގުޅޭގޮތުންނާ ކައުންސިލަރުން ފާހަގަކުރައްވަން ބޭނުންވެލައްވާ އިތުރު ކަންކަން ފާހަގަކުރެއްވުމަށް ވެސް ޕެނަލް ޑިސްކަޝަންގެ ތެރެއިން ވަނީ ފުރުޞަތު ދީފައެވެ.