ޚަބަރު

ސައިބަރ ހަމަލާއަކާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފިޔަވަޅު އަޅައިފި


އަލްބޭނިޔާގެ ސަރުކާރާ ދެކޮޅަށް އީރާނުން ސައިބަރ ހަމަލާތަކެއް ދީފައިވާ ކަމަށް ތުހުމަތުކޮށް، އެމެރިކާއިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ. އީރާނުން އަލްބޭނިޔާއަށް ސައިބަރ ހަމަލާތަކެއް ދީފައި ވަނީ ޖުލައި މަހުގެ ތެރޭގައި ކަމަށް އެމެރިކާއިން ބުނެއެވެ.

އަލްބޭނިޔާގެ ސަރުކާރުން ވެސް ވަނީ އީރާނާ ދެކޮޅަށް މި ފަދަ ތުހުމަތުތަކެއް ކޮށްފައެވެ. އަދި، ދެ ޤައުމުގެ ދެދުމުގައި އޮތް ސިޔާސީ ގުޅުން ކަނޑައިލާފައެވެ. އަލްބޭނިޔާއިން ވަނީ އެ ޤައުމުގައި ހުރި އީރާނުގެ އެމްބަސީ ބަންދުކޮށް، އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ޤައުމު ދޫކޮށް ދިޔުމަށް ވެސް އަންގާފައެވެ.

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނީ އީރާނުގެ ޖާސޫސީ ވުޒާރާއާއި އެ ތަނުގެ ވަޒީރުންނާ ދެކޮޅަށެވެ. އަދި، އެކި ޤައުމުތަކާ ދެކޮޅަށް ސައިބަރ ހަމަލާތައް ދިނުމަށް ރާވައި، ހަމަލާތައް ދިނުމުގެ ފަހަތުގައި ވަނީ އެ ވުޒާރާ ކަމުގައި އެމެރިކާއިން ތުހުމަތު ކުރެއެވެ.

"އީރާނުން ދަނީ ސައިބަރ ހަރަކާތްތައް އިތުރު ކުރަމުން. އެ ކަން ކުރުމުގެ ފުރުޞަތު އެ ޤައުމަކަށް ނުދޭނަން،" އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުގެ އިސް އޮފިޝަލެއް ކަމުގައިވާ ބްރަޔަން ނެލްސަން ވިދާޅުވިއެވެ. އެމެރިކާއާއި އެ ޤައުމުގެ އެކުވެރިންނަށް ސައިބަރ ހަމަލާތައް ދިނުމަށް އީރާނުން ރާވަމުންދާ ކަމުގައި ވެސް އެމެރިކާއިން ތުހުމަތު ކުރެއެވެ.

"އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އުސޫލުތަކާ ޚިލާފު ފިޔަވަޅުތަކެއް. މި ފަދަ އިލްޒާމުތައް އަޅުވައިގެން އީރާނުގެ ސިފައިންނަށް ފުރައްސާރަ ކުރި ނަމަވެސް، އެ މީހުންގެ ހިތްތަކުގައި އޮތް ޤައުމީ ލޯބި ނައްތައެއް ނުލެވޭނެ،" އެމެރިކާގެ ތުހުމަތުތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާޞިރު ކަންޢާނީ ވިދާޅުވިއެވެ.

އީރާނުން އަލްބޭނިޔާ ސަރުކާރާ ދެކޮޅަށް ދީފައިވާ ކަމަށް ތުހުމަތު ކުރާ ސައިބަރ ހަމަލާތަކުގެ މައްސަލަ ތަހުޤީޤު ކުރުމުގައި އެހީތެރިވީ މައިކްރޯސޮފްޓް ކުންފުނިންނެވެ. އެ ކުންފުނިން ބުނީ، އަލްބޭނިޔާ ސަރުކާރުގެ ވެބްސައިޓުތައް ހެކުކޮށް، އެ ޤައުމުގެ އިސް އޮފިޝަލުންނާ ބެހޭ ސިއްރު މަޢުލޫމާތު ހޯދައި، އެ މަޢުލޫމާތު ޢާންމު ކުރަން އީރާނުން މަސައްކަތް ކޮށްފައިވާ ކަމުގައެވެ. ޖުލައި މަހު ދިން ކަމަށް ބުނާ ހަމަލާތަކާ ގުޅިގެން އަލްބޭނިޔާގެ ސަރުކާރުގެ ވެބްސައިޓުތައް ވަގުތީ ގޮތުން މެދުކެނޑުނެވެ.