ޚަބަރު

އިނގިރޭސި ރަސްގެފާނު އެ ޤައުމުގެ އައު ބޮޑުވަޒީރާ ބައްދަލުކުރައްވައިފި


އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ، އެ ޤައުމުގެ އައު ބޮޑުވަޒީރު ލިޒް ޓްރަސްއާ ބައްދަލު ކުރައްވައިފިއެވެ. މިއީ، މަންމާފުޅު ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމާ ގުޅިގެން އިނގިރޭސި ތަޚުތައް އިސް ކުރެވުނު ޗާލްސްއާއި ޓްރަސް ރަސްމީ ހައިސިއްޔަތުން ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. ރާނީ އަވަހާރަކީ ސްކޮޓްލެންޑުގެ ބެލްމޯރަލް ގަނޑުވަރުގައި ސެޕްޓެންބަރު 8 ވަނަ ދުވަހުއެވެ.

ސްކޮޓްލެންޑުން ލަންޑަނަށް ރަސްގެފާނު ޗާލްސް ވަޑައިގަންނަވާފައި ވަނީ ސެޕްޓެންބަރު 9 ވަނަ ދުވަހުއެވެ. ރަސްގެފާނު ޗާލްސް ޓްރަސްއާ ބައްދަލު ކުރައްވާފައި ވަނީ ބަކިންގްހެމް ގަނޑުވަރުގައެވެ. މަންމާފުޅާ ގުޅޭ ގޮތުން ޓްރަސްއާ ވާހަކަފުޅު ދައްކަވަމުން ރަސްގެފާނު ޗާލްސް ވިދާޅުވީ، މި ދުވަހަކީ ދުވަހަކު ވެސް ދެކެން ބޭނުންވި ދުވަހެއް ނޫން ކަމުގައެވެ.

ބަކިންގްހެމް ގަނޑުވަރަށް ވަޑައިގެންނެވުމަށް ފަހު ރަސްގެފާނު ޗާލްސްއާއި އަނބިކަނބަލުން ކުއީން ކޮންސޯޓް ކެމިލާ ވަނީ، ރާނީ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވުމަށް ގަނޑުވަރު ކައިރިއަށް ޖަމާވެފައިވާ އެތައް ހާސް ބަޔަކާ ބައްދަލު ކުރައްވައި، އެ މީހުންނާ އެކު ވަގުތު ކޮޅެއް ހޭދަ ކުރައްވާފައެވެ. ރާނީ އަވަހާރަވުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ހިތާމަ ފާޅުކުރަމުންނެވެ. އަދި، ޝާހީ ޢާއިލާއަށް ތަޢުޒިޔާ ކިޔަމުންނެވެ.

އިނގިރޭސި ވިލާތުގެ އައު ބޮޑުވަޒީރު ޓްރަސްއަށް މަޤާމުގެ މަސްއޫލިއްޔަތުތައް ރާނީ އެލިޒަބަތު ރަސްމީކޮށް ހަވާލު ކުރެއްވީ ސެޕްޓެންބަރު 5 ވަނަ ދުވަހުއެވެ. އެއީ، ރާނީ އަވަހާރަވުމުގެ ކުރިން އެ ކަމަނާ އެންމެ ފަހުން ބޭއްވެވި ރަސްމީ ބައްދަލު ކުރެއްވުންތަކުގެ ތެރެއިން އެއް ބައްދަލު ކުރެއްވުމެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ކުރިން އެ ކަމަނާ ވަނީ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންއާ ބައްދަލު ކުރައްވައި، އޭނާގެ އިސްތިޢުފާ ޤަބޫލުފުޅު ކުރައްވާފައެވެ.

ރާނީ އެލިޒަބަތު އިނގިރޭސި ވިލާތާއި ކޮމަންވެލްތުގެ ރަނިކަމާ ހަވާލުވެ ވަޑައިގަތީ 1952ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 6ވަނަ ދުވަހު، އެ ކަމަނާގެ ބައްޕާފުޅު ރަސްގެފާނު ޖޯޖް ހަތަރުވަނަ އަވަހާރަވުމާ ގުޅިގެންނެވެ. އެއިރު އެ ކަމަނާގެ އުމުރުފުޅަކީ 25 އަހަރެވެ. ރާނީ އަވަހާރަވި އިރު އުމުރުފުޅަކީ 96އެވެ.