ޚަބަރު

ޚާރްކިވްގެ ބައެއް ސަރަޙައްދުތައް މިނިވަންކޮށްފި


ޔޫކްރެއިނުގެ އިރުއުތުރުގައިވާ ސަރަޙައްދުތަކުގެ ތެރެއިން ރަޝިޔާ ސިފައިން އަތްގަދަ ކޮށްފައިވާ ޚާރްކިވްގެ ބައެއް ސަރަޙައްދުތައް މިނިވަން ކޮށްފައިވާ ކަމުގައި ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. ޒެލެންސްކީ ވިދާޅުވީ، ޚާރްކިވްގެ 30 ރަށަކާއި އަވަށެއް ރަޝިޔާ ސިފައިން އަތްދަށުން މިނިވަން ކުރެވިއްޖެ ކަމުގައެވެ.

ރަޝިޔާއިން ވެސް ވަނީ ޚާރްކީވް ސަރަޙައްދުގައި އޮތް ބައެއް ރަށްތައް ޔޫކްރެއިން ސިފައިންގެ ބާރުގެ ދަށަށް ގޮސްފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. ޚާރްކީވުގައި ރަޝިޔާއިން ޤާއިމު ކޮށްފައިވާ އިދާރީ އިސް އޮފިޝަލް ކަމުގައިވާ ވިޓާލީ ގަންޗޭފް ވިދާޅުވީ ބައެއް ރަށްތަކުން ރަޝިޔާ ސިފައިން ފަހަތަށް ޖައްސާފައިވާ ކަމުގައެވެ.

"އެ ރަށްތައް ހިފަން މަސައްކަތް ކުރާ ޔޫކްރެއިން ސިފައިން ފަހަތަށް ޖައްސަން ރަޝިޔާގެ ފައުޖުތަކުން ދަނީ މަސައްކަތް ކުރަމުން. ނަމަވެސް، ބައެއް ރަށްތަކުން ރަޝިޔާ ސިފައިން ފައިބަން ޖެހިއްޖެ،" އޭނާ ވިދާޅުވިއެވެ. ރަޝިޔާ ސިފައިންގެ ބައެއް މީހުން ހައްޔަރު ކޮށްފައިވާ ކަމަށާއި، ޓޭންކު ފަދަ ގިނަ އަދަދެއްގެ ބަރު ހަތިޔާރު ނައްތައިލާފައިވާ ކަމުގައި ރަޝިޔާގެ މީޑިޔާއެއް ކަމުގައިވާ އާރް.އައި.އޭ.އިން ރިޕޯޓުކޮށްފައިވެއެވެ.

ޒެލެންސްކީ ވިދާޅުވީ، ރަޝިޔާ ސިފައިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތައް މިނިވަން ކުރުމަށް ހިންގާ ކެމްޕޭން އެ ޤައުމުގެ އުތުރުގެ ޑޮންބެސް ސަރަޙައްދުގެ އިތުރުން ދެކުނުގައިވާ އިތުރަށް ވަރުގަދަ ކުރަމުން ގެންދާ ކަމުގައެވެ. "ޔޫކްރެއިނުގެ އަސްކަރިއްޔާއާއި ޖާސޫސީ ސިފައިންނާއި ސަލާމަތީ ބާރުތަކުން އެ ގެންދަނީ ރަޝިޔާ ސިފައިންނަށް ވަރުގަދަ ހަމަލާތަކެއް އަމާޒު ކުރަމުން. އަދި، ރަށްތައް މިނިވަން ކުރުމުގައި ކާމިޔާބީ ހޯދަމުން،" ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ ފެބުރުއަރީ 24 ގައެވެ. އަދި، ޔޫކްރެއިނުގެ ފަސްބައިކުޅަ އެއްބައި މި ވަގުތު އޮތީ ރަޝިޔާ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައެވެ. އެ ސަރަޙައްދުތައް އަލުން މިނިވަން ކުރުމަށް ޔޫކްރެއިނުން ފަށާފައިވާ ކެމްޕޭން ނާކާމިޔާބު ކޮށްލަން ރަޝިޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ރަޝިޔާއިން މިހާރު ދަނީ އެ ސަރަޙައްދުތަކަށް އިތުރު ސިފައިންނާއި ބަރު ހަތިޔާރު ފޮނުވަމުންނެވެ.

"ޔޫކްރެއިނުގެ ސިފައިން ވަނީ ޚާރްކީވްގެ އިތުރުން ޚާރްސަންގައި ވެސް ކުރިއެރުންތައް ހޯދަމުން. މިއީ އުމްމީދީ ކުރިއެރުންތަކެއް،" މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓަން ވިދާޅުވިއެވެ. ޚާރްސަންއަކީ ޔޫކްރެއިނުގެ ދެކުނުން ރަޝިޔާގެ ކޮންޓްރޯލްގެ ދަށަށް ވެއްޓިފައިވާ ސަރަޙައްދެކެވެ.