ޚަބަރު

ޖުލައިމަހު ގްރީން ފަންޑުން 38 މަޝްރޫއަކަށް 23.9 މިލިއަން ރުފިޔާ


ޖުލައިމަހު ގްރީން ފަންޑުން 38 މަޝްރޫއަކަށް 23.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޖުލައިމަހު ޚަރަދުކޮށްފައިވާ މިންވަރަކީ މިދިޔަ ޖޫންމަހު ގްރީން ފަންޑުން ކުރި ޚަރަދާ އަޅާ ބަލާއިރު، %53ދަށް އަދަދެކެވެ.

ޖޫންމަހު ގްރީން ފަންޑުންވަނީ 38 މަޝްރޫޢަކަށް، 51.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ގްރީން ފަންޑު ރިޕޯޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައިމަހު 43 މަޝްރޫޢަކަށް ޚަރަދުކޮށްފައިވާއިރު، އޭގެތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.

ގްރީން ފަންޑުން ޖުލައިމަހު އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ:

- ހއ. މާރަންދޫ ފެނާއި ނަރުދަމާ ގެ މަޝްރޫޢު – 4.6 މިލިއަން ރުފިޔާ
- - އައުޓަރ އައިލެންޑު ހާބަރ، ވޯޓަރ ސަޕްލައި އެންޑު ސުވަރޭޖް – 3.4 މިލިއަން ރުފިޔާ
- ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު- 3.2 މިލިއަން ރުފިޔާ
- މޯލްޑިވްސް ކްލީން އެންވަޔަރަމަންޓު ޕްރޮޖެކްޓު – 3.1 މިލިއަން ރުފިޔާ
- ފުވައްމުލައް ސިޓީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު – 2.5 މިލިއަން ރުފިޔާ

ޖުލައިމަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ޖުމްލަ އަދަދު ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާއިރު، ޖުލައިމަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއާއި، އެ ފައިސާ ޚަރަދު ކުރެވުނު ގޮތުގެ ތަފްސީލްވެސް ވަނީ ހާމަކޮށްފައެވެ.

މިއަހަރުގެ ފުރަތަމަ 7 މަސް ދުވަސްތެރޭ 608 މިލިއަން ރުފިޔާ ގްރީން ފަންޑަށް ލިބިފައިވާއިރު، އޭގެ ތެރެއިން 432 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ޖުލައިމަހުގެ ނިޔަލަށް ގްރީން ފަންޑުގައި ހުރީ 883 މިލިއަން ރުފިޔާއެވެ.

ގްރީން ފަންޑަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި ސިޓީ ހޮޓާތަކާއި ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.

އެގޮތުން ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކަށް އަންނަ ފަތުރުވެރިން، އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ދައްކަން ޖެހެއެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން، އެ ތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 3 ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސް ދައްކަންޖެހެއެެވެ.