ދުނިޔެ

ރެފިއުޖީން ބަލައިގަތުމަށް ޕޮލެންޑުން ނިންމުމާއި ގުޅިގެން މުޒާހަރާ


ހާލުގައި ޖެހިގެން ވިލާތުގެ ބައްރަށް ވަންނަމުންދާ މުސްލިމް ރެފިއުޖީންގެ ތެރެއިން ބައެއް މީހުން ބަލައިގަތުމަށް ޕޮލެންޑްގެ ސަރުކާރުން ނިންމާފައިވާތީ އެކަމާއި ދެކޮޅަށް އެޤައުމުގެ އެތައް ހާސްބަޔަކު ވެރިރަށް ވޯސޯގައި މުޒާހަރާކޮށްފިއެވެ.މުޒާހަރާ ކުރިމީހުން އުފުލަމުންގެންދިޔައީ މުސްލިމުންނާއި، އިސްލާމްދީނާއި އިދިކޮޅު ޝިޢާރުތަކެކެވެ. މިޝިޢާރުތަކުގައި މުސްލިމް ރެފިއުޖީންގެ ސަބަބުން ވިލާތުގެ ޤައުމުތަކުގައި އިސްލާމްދީން ފެތުރިގެންދާނެކަމަށާއި، މިއީ ވިލާތުގެ ބައްރަށް އޮތް ނުރައްކަލެއްކަމަށް އެމީހުން ސިފަކޮށްފައިވެއެވެ. މި މުޒާހަރާ އިންތިޒާމްކުރީ ވިލާތުގެ އެކި ޤައުމުތަކުގައި ހަރަކާތްތެރިވާ ހައްދު ފަހަނަޅާފައިވާ ޖަމާޢަތެއް ކަމަށްވާ ޕެގިޑާ ޖަމާއަތުން ކަމަށް ޚަބަރު ލިބެއެވެ.ޕެގިޑާ ޖަމާއަތަކީ ނަސްލީ އިމްތިޔާޒުގެ ހަރުކަށި ވިސްނުން ގެންގުޅޭ އެކަހެރި ޖަމާއަތެކެވެ. ވިލާތަށް މުސްލިމުން ހިޖުރަކުރުމާއި ދެކޮޅަށް މީގެކުރިންވެސް ޕެގިޑާ ޖަމާއަތުން އަޑުއުފުލައި މުޒާހަރާތަކާއި އިހްތިޖާޖްތައް ކުރިޔަށް ގެންގޮސްފައިވެއެވެ.