ކުޅިވަރު

ނިއުރޭޑިއަންޓްގެ ބިދޭސީ ދެ ޑިފެންޑަރުންވެސް ޓީމާއި ގުޅިއްޖެ


ކުރިއަށް އޮތް ސީޒަނަށް ނިއުރޭޑިއަންޓް ވަރުގަދަ ކުރުމަށް ގެންނަން ނިންމި ބިދޭސީ ތިން ކުޅުންތެރިންވެސް ޓީމާއި ގުޅިއްޖެއެވެ. އޭއެފްސީކަޕަށް ތައްޔާރުވަމުންދާ ނިއުރޭޑިއަންޓްގެ ލިސްޓްގައި ޖަހާފައިވާ ބިދޭސީ ދެ ޑިފެންޑަރުން މާލެ އައީ މިއަދު ހެނދުނުއެވެ. ނިއުގެ ބިދޭސީ ދެ ޑިފެންޑަރުންނަކީ ނައިޖީރިޔާގެ މައިކަލްއާއި، ބަލްގޭރިޔާގެ ވިލްޗޯވްއެވެ. މީގެތެރެއިން ބަލްގޭރިގާ ކުޅުންތެރިޔާއަކީ ޑިފެންސިވް މިޑްފީލްޑަރަކަށްވެސް ކުޅޭ ކުޅުންތެރިއެކެވެ. މިދެކުޅުންތެރިންވެސް މާލެ އައިއިރު ދެ ކުޅުންތެރިންގެވެސް ރިލީޒް ވަނީ ލިބިފައެވެ. އަދި މިއަދު އޮންނަ ކްލަބްގެ ފަރިތަކުރުންތަކުގައި ދެކުޅުންތެރިންވެސް ބައިވެރިވާނެއެވެ. ނިއުގެ ލިސްޓްގައި ބިދޭސީ ކުޅުންތެރިއަކަށް ދެން ޖަހާފައިވަނީ ޤާނާގެ ކީޕަރު ސުލޭމާނާއެވެ. އޭނާ ވަނީ ހުކުރު ދުވަހު މާލެއައިސް އިއްޔެ އޮތް ކްލަބްގެ ފަރިތަކުރުންތަކުގައިވެސް ބައިވެރިވެފައެވެ. މިތިން ކުޅުންތެރިންނަކީވެސް ނިއުގެ ކޯޗު ދަންނަ ތިން ކުޅުންތެރިންކަމަށް މައުލޫމާތުލިބެއެވެ. ނިއު އާސީޒަނަށް ތައްޔާރުވަމުންދާއިރު ކްލަބްގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ. އަދި ތަޖުރިބާކާރު 5 ކުޅުންތެރިއަކު ހިމެނެއެވެ. ފާއިތުވި ތިން އަހަރު ކްލަބަށް ކުޅުނު ސީނިއަރ މުޙިންމު ކުޅުންތެރިންތަކެއް ވަނީ ކްލަބް ދޫކޮށްލާފައެވެ. ކުރިއަށް އޮތް ސީޒަންގައި ނިއުރޭޑިއަންޓްގެ ކޯޗަކީ 2004 ވަނަ އަހަރު އެކްލަބް އޭއެފްސީކަޕްގެ ސެމީފައިނަލަށް ގެންގޮސްދިން ބަލްގޭރިޔާގެ ސްޓޮއިކޯފްއެވެ.