ދުނިޔެ

ސޫރިޔާގެ ހަލަބަށް ދެމުންދާ ޙަމަލާތައް ވަރުގަދަކޮށްފި


ސޫރިޔާގެ ބޮޑު ސިޓީއެއްކަމަށްވާ ޙަލަބްގެ ވަށައިގެންވާ ސަރަޙައްދުތަކަށް އެޤައުމުގެ ސިފައިން އެއްގަމު މަގުން ދޭ ޙަމަލާތަކާއި ރަޝިޔާގެ ފައިޓަރޖެޓްތަކުން ދޭ ވައިގެ ޙަމަލާތައް ވަރުގަދަ ކުރަމުން ގެންދާކަމަށް ޚަބަރު ލިބިއްޖެއެވެ. މިޙަމަލާތަކުގެ ސަބަބުން އެސަރަޙައްދުތަކުގައި ދިރިއުޅޭ އާންމުންގެ ތެރެއިން އެތައް ހާސް މީހުން ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގުގެ ކައިރިއަށް ޖަމާވަމުންދާއިރު، އެމީހުންވަނީ ކާބޯތަކެއްޗާއި ހިޔާވަހިކަމަށް ބޭނުންވެ، ވާރެއާއި ގަދަފިނީގެ ޝިކާރައަކަށް ވެފައެވެ.ސޫރިޔާގެ ޙަލަބްގެ ވަށައިގެންވާ ގިނަ ސަރަޙައްދުތަކަކީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ޖަމާޢަތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަޙައްދުތަކެވެ. އެ ސަރަޙައްދުތަކުން އިދިކޮޅު ހަނގުރާމަވެރިން ފައްސާލައި އެތަންތަން ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް އެޤައުމުގެ ސިފައިން މިހާރު ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަންގެ ބޭނުމަކީ ތުރުކީގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް އިދިކޮޅު ހަނގުރާމަވެރިންނަށް ލިބެމުންދާ ހަތިޔާރުގެ ސަޕްލައިގެ މަގުތައް ބަންދުކޮށްލުމެވެ. މިކަމުގައި ސޫރިޔާ ސިފައިން މިހާރު ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާއިރު ޙަލަބްގެ ވަށައިގެންވާ ގިނަ އަވަށްތަކާއި ވިލެޖްތަކުން އިދިކޮޅު ހަނގުރާމަވެރިން މިހާރުވަނީ ފައްސާލާފައެވެ. ނަމަވެސް ސޫރިޔާ ސިފައިންގެ އަސްކަރީ އޮޕަރޭޝަން ދުވަހެއް ދުވަހަކަށް ވަރުގަދަ ވަމުންދާއިރު، މިއޮޕަރޭޝަންގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެމުންދަނީ އެސަރަޙައްދުތަކުގައި ދިރިއުޅޭ ކުށެއްނެތް އާންމު ރައްޔިތުންނަށެވެ.ސޫރިޔާ ސިފައިންގެ އަސްކަރީ އޮޕަރޭޝަން ހިންގަމުން ގެންދަނީ ރަޝިޔާގެ ވައިގެ ޙަމަލާތަކާއިއެކުއެވެ. މިކަމުގެ ސަބަބުން އިދިކޮޅު ހަނގުރާމަވެރިން ބަލިވެ އެމީހުންގެ އަތްދަށުން ބައެއް ސަރަޙައްދުތައް ގެއްލިގެން ގޮސްފައިވާއިރު ސޫރިޔާގެ އާންމު ރައްޔިތުންގެ 70,000 އެއްހާ މީހުން ވާރެއާއި ގަދަފިނީގައި ގެދޮރު ދޫކޮށް ރެފިއުޖީންގެ ގޮތުގައި ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގުގެ ކައިރިއަށް މިހާރު ވަނީ ޖަމާވެފައެވެ. ނަމަވެސް މިބައިމީހުން ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް އެޤައުމުގެ އެތެރެއަށް ވަނުމުގެ ހުއްދަ އަދި ލިބިފައެއް ނުވެއެވެ. ތުރުކީވިލާތުގެ މަސްއޫލުވެރިއެއްކަމަށްވާ ސުލައިމާން ޓަޕްޒިސް ވިދާޅުވީ ސޫރިޔާގެ ރެފިއުޖީން ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގުގެ ކައިރިއަށް އާދަޔަ ޚިލާފަށް ގިނައިން ޖަމާވަމުންދާކަމަށެވެ."ފާއިތުވި 48 ގަޑިއިރު ތެރޭގައި ސޫރިޔާގެ ރެފިއުޖީންގެ 30,000 މީހުންނާއި 35,000 މީހުންނާއި ދެމެދުގެ އަދަދެއްގެ މީހުން އަހަރެމެންގެ ކައިރިއަށް އަތުވެއްޖެ، އެމީހުން އައިސްފައިވަނީ އަޒާޒް ސަރަހައްދުންނާއި އެސަރަހައްދުގެ ވަށައިގެންވާ ހިސާބުތަކުން." ސުލައިމާން ޓަޕްޒިސް ވިދާޅުވީ ޙަލަބް ސިޓީއާއި އެސިޓީގެ ވަށައިގެންވާ ސަރަޙައްދުތަކުގެ ތެރެއިން އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ އަވަށްތަކުގައި 350,000 މީހުން ދިރިއުޅޭއިރު ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ އަވަށްތަކުގައި މިލިޔަނެއްހާ މީހުން ދިރިއުޅެމުން ގެންދެއެވެ. ސޫރިޔާ ސިފައިންގެ އަސްކަރީ އޮޕަރޭޝަނާއެކު މި ބައިމީހުންގެ ދިރިއުޅުން ނުރައްކަލުގެ ތެރެއަށްވެއްޓި އޭގެ ތެރެއިން ގިނަބަޔަކު ދަނީ ވަރަށް ދަތިހާލުގައި ކުޑަކުދިންނާއި މަބަނޑު އަންހެނުންނާއި މުސްކުޅިންނާއެކު ހަނގުރާމައިގެ ޙަމަލާތަކުން ސަލާމަތްވުމަށް ގަދަފިނީގައި އެއްވެސް ވަސީލަތެއްނެތި ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގުގެ ކައިރިއަށް ޖަމާވަމުންނެވެ.ސޫރިޔާ ސިފައިންގެ އަސްކަރީ އޮޕަރޭޝަން ވަރުގަދަ ކުރަމުން ގެންދާތީ ކުރިޔަށްއޮތް ދުވަސްތަކުގައިވެސް ސޫރިޔާގެ ގިނައަދަދެއްގެ ރެފިއުޖީން ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގުގެ ކައިރިއަށް ޖަމާވާނެކަމަށް ވަނީ ބެލެވިފައެވެ. ހާލުގައި ޖެހިފައިވާ މި ރެފިއުޖީން ބަލައިގަންނާނެ ކަމަށް ތުރުކީ މަސްއޫލުވެރިން ވިދާޅުވަމުން ގެންދެވި ނަމަވެސް އެމީހުން ތުރުކީގެ ބިމަށް ވަނުމުގެ ހުއްދަ ދިނުމަށް ތުރުކީ ސަރުކާރުން ގެންދަނީ ފަސްޖެހެމުންނެވެ. ވިލާތުގެ ޤައުމުތަކުން ވަނީ ސޫރިޔާގެ ރެފިއުޖީންގެ އިންސާނީ ޙާލަތަށް ރިޢާޔަތްކޮށް އެމީހުން ބަލައިގަތުމަށް ތުރުކީ ސަރުކާރަށް އިލްތިމާސްކޮށްފައެވެ. މިއާއެކު އދ. ންނާއި އަދި އިންސާނީ އެހީގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމާޢަތްތަކުން ގެންދަނީ ރެފިއުޖީންނަށް ކާބޯތަކެއްޗާއި ރަޖާފަދަ ތަކެތި ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުންނެވެ.