ޚަބަރު

ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ޤާބިލުކަން އީރާނުން ހޯދައިފި: އައި.އޭ.އީ.އޭ


ނިއުކްލިޔަރ ބޮމެއް އުފެއްދުމަށް ބޭނުންވާ މިންވަރަށް އީރާނުން ޔުރޭނިއަމް މުއްސަނދި ކޮށްފައިވާ ކަމުގައި އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ (އައި.އޭ.އީ.އޭ)އިން ބުނެފިއެވެ. އެ އިދާރާއިން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ، އީރާނުގައި ހުރި ޔުރޭނިއަމްގެ ސްޓޮކް އެ ޤައުމުން 60 އިންސައްތައަށް މުއްސަނދި ކޮށްފައިވާ ކަމުގައެވެ. އަދި، ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ޤާބިލުކަން ހޯދާފައިވާ ކަމުގައެވެ.

އީރާނުގެ ނިއުކްލިޔަރ ހަތަކަ އުފެއްދުމުގެ ޕުރޮގުރާމު ކޮންޓްރޯލް ކުރުމަށް ހުޅަނގާ އެކު 2015 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެ ޤައުމަށް ހުއްދަ އޮންނަނީ އެންމެ 3.67 އިންސައްތައިގައި ޔުރޭނިއަމް މުއްސަނދި ކުރުމަށެވެ. ނަމަވެސް، އެއިރު ވެސް އީރާނުން ގެންދިޔައީ 20 އިންސައްތައަށް ޔުރޭނިއަމް މުއްސަނދި ކުރަމުންނެވެ. މި މިންވަރު މިހާރު 60 އިންސައްތައަށް މައްޗަށް ޖައްސާފައި ވާއިރު، ނިއުކްލިޔަރ ބޮމެއް އުފެއްދުމަށް ބޭނުންވަނީ 90 އިންސައްތައަށް މުއްސަނދި ކޮށްފައިވާ ޔުރޭނިއަމްއެވެ.

"އީރާނުން ބޭނުންވެއްޖެ ނަމަ، 25 ކިލޯގެ ޔުރޭނިއަމް 90 އިންސައްތައަށް މުއްސަނދި ކުރުމުގެ ޤާބިލުކަން އެ ޤައުމުގައި މިހާރު އެބަހުރި،" ކަމާ ގުޅޭ މަޢުލޫމާތު އެނގޭ މީހަކު ބުންޏެވެ. ހަތަރު ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ޤައުމަށް ނިއުކްލިޔަރ ބޮމެއް ތައްޔާރު ކުރަން ބޭނުންވާ މިންވަރަށް ޔުރޭނިއަމް މުއްސަނދި ކުރެވިދާނެ ކަމުގައި ވެސް އެ މީހާ ބުންޏެވެ.

60 އިންސައްތައަށް މުއްސަނދި ކޮށްފައިވާ 55 ކިލޯގެ ޔުރޭނިއަމް އެ ޤައުމުގެ ސްޓޮކްގައި މިހާރު ވެސް ހުރި ކަމަށް އައި.އޭ.އީ.އޭ.އިން ބުނެއެވެ. އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދޭނެ މިންވަރަށް ޔުރޭނިއަމް މުއްސަނދި ކުރަމުންދާ ކަން ކަށަވަރު ކުރުމަށް އެ އިދާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އީރާނުން އަދިވެސް ބުނަމުން ދަނީ އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމަކީ މަދަނީ ބޭނުންތަކަށް ހަކަތަ އުފައްދަން ހިންގާ ޕުރޮގުރާމެއް ކަމުގައެވެ. އަދި، ނިއުކްލިޔަރ ހަތިޔާރެއް އުފައްދަން މަސައްކަތް ކުރަމުންދާ ކަމަށް ކުރާ ތުހުމަތުތައް އެ ޤައުމުން ދޮގު ކުރެއެވެ.