ދުނިޔެ

ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތިގެ އަގު ދަށަށް ގޮސްފި


ފާއިތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތިގެ އަގު ދަށް ނުވާވަރަށް މިދިޔަމަހު ކާބޯތަކެތީގެ އަގު ދަށްވެއްޖެކަމަށް އދ.ގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ ޖަމްޢިއްޔާ އެފް.އޭ.އޯއިން ހާމަކޮށްފިއެވެ. ރާއްޖޭގެ ބާޒާރަށް ބަލާލާއިރު، ހުސްވި އަހަރުގެ ޑިސެމްބަރުމަހު ރާއްޖޭގެ ބާޒާރުގައިވެސް ވަނީ ކާބޯތަކެތީގެ އަގު ދަށަށް ގޮސްފައެވެ. އދ.ގެ ކާނާއާއި ދަނޑުވެރިކަމާބެހޭ ޖަމްޢިއްޔާ އެފް.އޭ.އޯއިން ބުނާގޮތުގައި މިއަހަރުގެ ޖެނުއަރީ މަހު ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު، ސޯޅަ އިންސައްތަ ދަށްވެފައެވެ. މިދިޔަ މަހު ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އިންޑެކްސް ހުރީ، 150.4 ގައެވެ. މިއީ، 2009 ވަނަ އަހަރަށްފަހު، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު މިހާބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. ކާބޯތަކެތީގެ އަގު މިހާބޮޑަށް ދަށަށް ދިޔައީ ކިރުގެ ބާވަތްތަކާއި، ހަކުރުގެ އަގު ދަށަށް ދިޔުމުން ކަމަށް އެފް.އޭ.އޯއިން ބުނެއެވެ. މިދިޔަ މަހުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ހަކުރުގެ އަގު މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު، 4.1 އިންސައްތައަށް ދަށަށް ގޮސްފައިވެއެވެ. މިމުއްދަތުގައި ކިރުގެ ބާވަތްތަކުގެ އަގު 3.0 އިންސައްތައަށް ދަށަށް ގޮސްފައިވެއެވެ.ރާއްޖޭގެ ބާޒާރަށް ބަލާލާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖޭގެ ބާޒާރުގައިވެސް ކާބޯތަކެއްޗާއި ޚިދުމަތްތަކުގެ އަގު ވަނީ ދަށަށް ގޮސްފައެވެ. މިގޮތުން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު، ނިމިގެންދިޔަ އަހަރުގެ ޑިސެމްބަރު މަހު މާލޭގެ އިންފްލޭޝަން ރޭޓް ވަނީ 0.55 އިންސައްތައަށް ދަށަށް ގޮސްފައެވެ. އަދި އަތޮޅުތަކުގެ އިންފްލޭޝަން ރޭޓް 0.50 އިންސައްތައަށް ދަށަށް ގޮސްފައިވެއެވެ. ރާއްޖޭގެ ބާޒާރުގެ އިންފްލޭޝަން ރޭޓް ދަށަށް ދިޔުމުގައި އެންމެ ބޮޑަށް ޙިއްޞާއެއް އަދާކޮށްފައިވަނީ، ކާބޯތަކެތީގެ ބައިގެ އިންފްލޭޝަން ދަށަށް ގޮސްފައިވާތީކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކުރައްވައެވެ. ޑިސެމްބަރު މަހު މުޅި ރާއްޖޭގެ ކާބޯތަކެތީގެ ބައިގެ އިންފްލޭޝަން ރޭޓް ވަނީ 1.77 އިންސައްތައަށް ދަށަށް ގޮސްފައެވެ.