ޚަބަރު

ރާޖީވް ގާންދީ އަވަހާރަކޮށްލި ޙާދިސާގެ މައްޗަށް ފިލްމެއް ހަދަނީ


އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރާޖީވް ގާންދީ އަވަހާރަކޮށްލުމުގައި އަދިވެސް ފޮރުވިފައިވާ ވަރަށް ގިނަ ހަގީގަތްތަކެއް އެބަހުއްޓެވެ.

މި ހާދިސާގެ މައްޗަށް ފިލްމެއް އުފެއްދުމުގެ މަސައްކަތް ފަށާފާއިވާކަމުގެ އިޝާރާތެއް އެޕްލޯސް އެންޓަޓެއިންމަންޓުން މިހާރު ވަނީ ދީފައެވެ.

މި ފިލްމު އުފައްދަނީ ލިޔުންތެރިޔާ އަނިރޫދްޔާ މިތުރާގެ ދާދިފަހުން ނެރުނު ފޮތް "ނައިންޓީ ޑޭސް: ދަ ޓްރޫ ސްޓޯރީ އޮފް ދަ ހަންޓް ފޯ ރާޖީވް ގާންދީސް އެސާސިން' އަށް ބިނާކޮށެވެ. އެޕްލޯސް އިން މިހާރު ވަނީ މި ފޮތުގެ ރައިޓްސްވެސް ގަނެފައެވެ.

އެޕްލޯސް އިން މީގެކުރިންވެސް ވަނީ މިކަހަލަ ފިލްމުތަކެއް އުފައްދާފައެވެ. "ތަނާވް"، "ގާންދީ" އަދި "ސްކޭމް 2003" އަކީވެސް އެޕްލޯސްއިން އުފައްދާފައިވާ ފިލްމުތަކެވެ.

މި ފިލްމު ޑައިރެކްޓުކުރަނީ މީގެ ކުރިން އެޕްލޯސް އެންޓަޓެއިންމަންޓާއިއެކު ކާމިޔާބު ފިލްމު "ސިޓީ އޮފް ޑްރީމްސް" އުފެއްދި މަޝްހޫރު ޑައިރެކްޓަރު އަދި ޤައުމީ އެވޯޑްވެސް ހޯދާފައިވާ ނާގޭޝް ކުކުނޫރުއެވެ.

މި ފިލްމާއި ބެހޭގޮތުން އެޕްލޯސް އެންޓަޓެއިންމަންޓްގެ ސީއީއޯ ސަމީރު ނާއިރު ބުނެފައިވަނީ އަނިރޫދްޔާގެ ވާހަކައިގެ މައްޗަށް އުފައްދާ މި ފިލްމުން ރާޖީވް ގާންދީގެ ހަޔާތްޕުޅާ ބެހޭ ގިނަ ކަންތައްތަކެއް ބެލުންތެރިންނަށް އެނގިގެންދާނެކަމަށެވެ. އަދި މީގެކުރިން މި ހާދިސާގެ ވާހަކަތައް އެގިފައި ހުންނާނީ ނޫސްތަކުން ކަމަށާއި މިހާރު މި އުފައްދާ ފިލްމުން އެ ހުރިހާ ކަމެއް ބަލާލެވޭނެ ކަމަށްވެސް ސަމީރު ވަނީ ބުނެފައެވެ.

ރާޖީވް ގާންދީ އިންޑިއާގެ ބޮޑުވަޒީރުކަމާއި ޙަވާލުވެވަޑައިގަތީ 1984 ވަނަ އަހަރުގައެވެ. އޭނާއަކީ މިހާތަނަށް އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގެންނެވި އެންމެ ޒުވާން ބޭފުޅާވެސްމެއެވެ. ރާޖީވް އަވަހާރަކޮށްލާފައިވަނީ ކެމްޕޭން ހަރަކާތެއްގެ ބައިވެރިވެވަޑައިގަންނަވަނިކޮށް 1991 ވަނަ އަހަރުގައެވެ.