ޚަބަރު

އަނޫރާގް ކާތިކަށް ދިނީ "އާޝިގީ 3"


ޑައިރެކްޓަރު އަނޫރާގް ބާސޫގެ ފިލްމަކަށް ބޮލީވުޑް ތަރި ކާތިކް އާރިޔަން ސޮއި ކުރި ވާހަކަ މީޑިއާ ތަކުގައި ރިޕޯޓުކުރީ މިދިޔަ ހޯމަ ދުވަހުއެވެ. އޭގެފަހުން އެ ފިލްމަކީ "އާޝިގީ 3" ކަންވެސް މިހާރު ވަނީ އިޢުލާނުކޮށްފައެވެ.

މި ފިލްމަށް ކާތިކް ސޮއިކުރި ނަމަވެސް ފިލްމުގެ ބަތަލާ އަކީ ކާކު ކަމެއް އަދި ހާމައެއްނުކުރެއެވެ. މި ފިލްމު ހަދަން ނިންމާފައި ވަނީ "އާޝިގީ" ގެ ކުރީގެ ދެ ފިލްމުވެސް ޕްރޮޑިއުސްކުރި މުކޭޝް ބަޓްގެ ވިޝޭޝް ފިލްމްސް އާއި ބޫޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެންނެވެ.

މިފިލްމާއި ގުޅޭގޮތުން ޓީ ސީރީޒުން ބުނީ ކުރީގެ ދެ ފިލްމުންވެސް ހޯދި ކާމިޔާބީއާއި ތަރުޚީބު 3 ވަނަ ފިލްމުންވެސް ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށެވެ.

އާޝިގީގެ ފުރަތަމަ ބައިގައި ހިމެނޭ ކުމާރު ސާނޫ ކިޔާފައިވާ މަޝްހޫރު ލަވަ "އަބް ތޭރޭ ބިން ޖީ ލޭންގޭ ހަމް" ލަވައިގެ ބަޔަކާއެކު ކާތިކް ވަނީ މި ފިލުމުގެ ޕްރޮމޯ ވީޑިއޯ ކޮޅެއް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ފޭނުންނަށް ދޫކޮށްލާފައެވެ. "އާޝިގީ 3" ލިބުމުން ކާތިކްވެސް ހުރީ އަނޫރާގާއެކު މަސައްކަތްކޮށްލާ ހިތުން ކެތްމަދުވެފައެވެ.


1990 ވަނަ އަހަރުގެ އޮރިޖިނަލް "އާޝިގީ" ފިލްމު ގެނެސްދިނީ މަހޭޝް ބަޓް އެވެ. އޭގެ ތަރިންނަކީ ރާހުލް ރޯއި އާއި އަނޫ އަގަރްވާލެވެ. އޭގެފަހުން މިފިލްމުގެ ދެވަނަ ބައި ގެނެސްދިނީ މޯހިތު ސޫރީއެވެ. މި ފިލްމުގެ ލީޑް ތަރިންނަކީ ޝްރަދާ ކަޕޫރާއި އަދިތިޔާ ރޯއި ކަޕޫރެވެ.

2002 ވަނަ އަހަރު ޑައިރެކްޓުކުރަންފެށި އަނޫރާގްގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ލައިފް އިން އަ މެޓްރޯ"، "ކައިޓްސް"، "ގޭންގްސްޓާ" އަދި "މާޑާ" ހިމެނެއެވެ. އާނޫރާގްގެ އެންމެ ފަހުގެ ފިލްމަކީ 2020 ވަނަ އަހަރު ނެޓްފްލިކްސްއިން ދައްކަންފެށި އެންތޮލޮޖީ "ލޫޑޯ" އެވެ.

ކާރްތިކް ވަނީ ދާދި ފަހުން ސާޖިދު ނާދިއަދުވާލާ އާއި ކަބީރު ޚާން ފަދަ ޑައިރެކްޓަރުންނާއިއެކުވެސް ފިލްމުތަކެއްގައި ސޮއިކޮށްފައެވެ. މިދިޔަ މެއި މަހު ފަހުކޮޅު ރިލީޒްކުރި ކާތިކްގެ "ބޫލް ބުލައްޔާ 2" ގެ ބޮޑު ކާމިޔާބީއަށްފަހު އޭނާ ދެން އެންމެ އަވަހަށް ފެންނާނީ "ޝެހެޒާދާ" އިންނެވެ.

މިދިޔަ މެއި މަހު ރިލީޒްކުރި ކާތިކްގެ "ބޫލް ބުލައްޔާ 2" ގެ ކާމިޔާބީއަށްފަހު އޭގެ 3 ވަނަ ބަޔަށްވެސް ކާތިކް ނަގާ ވާހަކަ މީގެކުރިން ވަނީ އިވިފައެވެ.