ޚަބަރު

"އެކް ވިލަން ރިޓާންސް" ނެޓްފްލިކްސްއަށް


މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު ރިލީޒްކުރި "އެކް ވިލަން ރިޓާންސް" އަންނަ ހުކުރު ދުވަހުން ފެށިގެން ނެޓްފްލިކްސް އިން ސްޓްރީމް ކުރެވޭގޮތަށް ހަދައިފިއެވެ.

ޖޯން އަބްރަހަމް، އަރްޖުން ކަޕޫރު، ދިޝާ ޕަޓާނީ އަދި ތާރާ ސުތާރިއާ ލީޑް ރޯލުން ފެނުނު މި ފިލްމު ނެޓްފްލިކްސްއިން ސްޓްރީމްކުރެވޭކަން އިއުލާނުކުރީ މިދިޔަ ހޯމަ ދުވަހުއެވެ.

"އެކް ވިލަން" އާއި ޚިލާފަށް މި ފިލްމަށް ލިބިފައިވާ ރިވިއުތައް މާ ރަނގަޅެއް ނޫނެވެ. ގިނަ ކްރިޓިކުން ފާހަގަކޮށްފައިވާ ގޮތުގައި ފިލްމުގެ ޕާރފޯމެންސާއި ލިޔުންތައް އެހާ ފުރިހަމައެއްނޫނެވެ. ހިންދުސްތާން ޓައިމްސްއިން އާންމުކޮށްފައިވާ ރިވިއުގައި އެމީހުން ބުނީ މި ފިލްމަކީ އޮޅުން ބޮޅު ބޮޑު ފިލްމެއް ކަމަށެވެ.

މި ފިލްމު ސިނަމާތަކުގައި އެޅުވި ފުރަތަމަ ދުވަހު ލިބިފައިވަނީ ގާތްގަނޑަކަށް 7 ކްރޯޑް ރުޕީސްގެ އާމްދަނީއެކެވެ. ފިލްމު އެޅުވިތާ ދެވަނަ ދުވަހު ވަނީ ރަނގަޅު ތަރުޚީބެއް ލިބިފައެވެ. އެދުވަހު ގާތްގަނޑަކަށް 7.5 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

އޯގަސްޓް ފެށުމާއި ހަމައަށް މި ފިލްމު ވަނީ ޑޮމެސްޓިކް ބޮކްސް އޮފީހުގައި 14.5 ކްރޯޑް ރުޕީސް ހޯދާފައެވެ. 2014 ވަނަ އަހަރު ރިލީޒްކުރި "އެކް ވިލަން" އެޅުވި ދުވަހު އެކަނިވެސް ވަނީ 16.5 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ.

މޯހިތު ސޫރީ ޑައިރެކްޓްކޮށްފައިވާ "އެކް ވިލަން ރިޓާންސް" އަކީ ސިދާތު މަލްހޯތުރާ، ޝްރަދާ ކަޕޫރު، އަދި ރިތޭޝް ދޭޝްމުކް ލީޑް ރޯލުން ފެނިގެންދިޔަ "އެކް ވިލަން" ގެ ސީކުއެލްއެކެވެ. 2014 ވަނަ އަހަރު ރިލީޒްކުރި މޯހިތު ސޫރީގެ ރޮމޭންޓިކް ތްރިލާ "އެކް ވިލަން" އަކީ އެ އަހަރުގެ 7 ވަނައަށް އެންމެ ބޮޑު އޯޕަނިންގް އޮތް ފިލްމެވެ.