އެމް.އެމް.ޕީ.އާރ.ސީ މެދުވެރިކޮށް ޓޫރިޒަމް މިނިސްޓްރީން ރިޒޯޓް ތަރައްޤީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ބައެއް ރަށްރަށް ދޫކޮށްފައިވަނީ ޓޫރިޒަމް ޤާނޫނާ ޚިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށްކަން އޮޑިޓަރ ޖެނެރަލް ހާމަކުރައްވައިފިއެވެ.މޯލްޑިވްސް މާކެޓިންގ އެންޑް ޕީ.އާރ ކޯޕަރޭޝަން އޮޑިޓް ކުރައްވައި ނެރުއްވި ރިޕޯޓުގައި އޮޑިޓަރ ޖެނެރަލް ވިދާޅުވެފައިވަނީ 17 ނޮވެމްބަރު 2015 ން ފެށިގެން 27 އޮކްޓޫބަރު 2015 ގެ ނިޔަލަށް އެމް.އެމް.ޕީ.އާރ.ސީ މެދުވެރިކޮށް ޓޫރިޒަމް މިނިސްޓްރީން ކުއްޔަށް ދެއްވާފައިވާ ގިނަ ރަށްތަކެއް ބީލަމަށް ހުޅުވައިލުމެއް ނެތި ދޫކޮށްފައިވާ ކަމަށެވެ. އަދި ލީސް އެގްރީމެންޓް ހެދުމުގެ ކުރިން ދައްކަންޖެހޭ ލީސް އެކުއިޒިޝަން ކޮސްޓް ދައްކާފައި ނުވާ ކުންފުނިތަކާއިއެކު އެގްރީމެންޓް ހަދައި، ޓުއަރިޒަމްގެ ބޭނުންމަށް އެމް.އެމް.ޕީ.އާރ.ސީން ރަށްތައް ކުއްޔަށް ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެރަށްރަށުން އިކުއިޒިޝަން ފީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ދައުލަތަށް ހޯދުމަށާއި، އެފައިސާ އެފަރާތްތަކުން ނުލިބިއްޖެނަމަ ލީސް އެގްރީމެންޓް ބާޠިލުކޮށް އެތަންތަން އަނބުރާ ދައުލަތަށް ނެގުމަށް އޮޑިޓަރ ޖެނެރަލް ލަފާދެއްވައިފައިވެއެވެ.އެގޮތުން ކ. އަތޮޅުގެ ފަރެއް އިކުއިޒިޝަން ފީއާއިނުލައި ކުއްޔަށް ދީފައިވަނީ އެމް.އެމް.ޕީ.އާރ.ސީން ދައުލަތަށް ލިބެންވާ ފައިސާގެ ތެރެއިން ބޮޑު ބައެއް ނުޙައްޤުން ޖަމާކޮށްފައިވާ އެސް.އޯ.އެފް ކުންފުނީގެ ޙިއްޞާދާރަކާއި ގުޅުން އޮންނަ ކުންފުންޏަކަށްކަން އޮޑިޓް ރިޕޯޓްގައި ފާހަގަކުރައްވައިފައިވެއެވެ. މީގެ އިތުރަށް ބިޒްނަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ބ. ހިބަޅިދުއާއި، މިލޭނިއަމް ކެޕިޓަލް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ އދ. ބޮޑުކާށިހުރައާއި، ލެގޫން ވޯލްޑް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ކ. އަތޮޅުގެ ފަޅެއްގެ އިކުއިޒަޝަން ކޯސްޓަށްވާ 6 މިލިއަން ޑޮލަރު އެއްވެސް ވަރަކަށް ނުލިބެނީސް އެތަންތަން ކުއްޔަށް ދޫކޮށްފައިވާ ކަމަށާއި، މިކުންފުނިތަކަކީވެސް އެމް.އެމް.ޕީ.އާރ.ސީން ދައުލަތަށް ލިބެންވާ ފައިސާގެ ތެރެއިން ބޮޑުބައެއް ނަހަމަގޮތުގައި ލިބިފައިވާ އެސް.އޯ.އެފް ކުންފުންޏާއި ސީދާ ގުޅުން އޮންނަ ކުންފުނިތަކެއްކަމުން މިކަން ތަޙްޤީޤްކުރައްވައި، މިފަރާތްތަކާއިއެކު ހަދާފައިވާ އެގްރީމެންޓް ބާޠިލުކުރައްވައި މިތަންތަން ދައުލަތަށް އަނބުރާ ނެންގެވުމާމެދު ގޮތެއް ނިންމެވުމަށް އޮޑިޓަރ ޖެނެރަލް ލަފާދެއްވައިފައިވެއެވެ. މިއީ ވަކިފަރާތަކަށް ޙައްޤުނޫން މާލީ މަންފާއެއް ހޯދައިދިނުމުގެ މަޤުޞަދުގައި ހިންގާފައިވާ ޢަމަލުތަކެއްކަމުގައި ބެލެވޭތީ އެކަންކަން ތަޙްޤީޤުކުރައްވައި، ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށްވެސް އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވެއެވެ.