ޚަބަރު

މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖްތަކެއް: ގޮތް ނޭނގޭ ލިންކްތަކަށް ނުވަންނާތި


އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުން އަންނާތީ މިކަން ފުލުހުން ބަލަމުން އަންނަ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.

މިހާރަކަށް އައިސް ދޭތެރެ ދޭތެރެއިން މިފަދަ މެސެޖްތައް އެކި ނަންނަމުގައި އާންމުންނަށް ފޮނުވަމުން ދެއެވެ. އެގޮތުން މީގެ ކުރިންވެސް އެޗްޑީސީއާއި ބޭންކް އޮފް މޯލްޑިވްސގެ ނަމުގައިވެސް މިފަދަ މެސެޖްތައްވަނީ ކޮށްފައެވެ.

ދިވެހި ފުލުހުން ޚިދުމަތުގެ ނަމުގައިވެސް ސްކޭމް މެސެޖުތައް ފޮނުވަމުން އަންނަކަން ފުލުހުންވަނީ ހާމަކޮށްފައެވެ. ފުލުހުން ކުރި ޓުވީޓެއްގައިވަނީ ދިވެހި ފުލުހުން ޚިދުމަތުގެ ނަމުގައިވެސް ސްކޭމް މެސެޖުތައް ފޮނުވަމުން އަންނަ ކަމަށެވެ. އަދި އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖްތައް ކުރަމުންދާކަމުގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށާއި މިކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ. އަދި މި މެސެޖުތަކުގައިވާ އެއްވެސް ލިންކަކަށް ކްލިކް ނުކުރުމަށް ފުލުހުންވަނީ އަންގާފައެވެ. އަދި މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް ލިބޭ ޓެކްސްޓް މެސްޖުތަކުގައިވާ ގޮތް ނޭނގޭ ލިންކު ތަކަށް ނުވަނުމަށް ފުލުހުންވަނީ އެދިފައެވެ.

މީގެ ކުރިންވެސް ފުލުހުންވަނީ އީމެއިލް އައިޑީ ބޭނުންކޮށްގެން މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ގިނަ މައްސަލަތަކެއް ހުށައަޅަމުން އަންނަކަން ހާމަކޮށްފައެވެ. އަދި މިފަދަ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން އެކި ފަރާތްތަކުން އެކި ނަން ނަމުގައި ގުޅައިގެން އެމީހެއް ޒާތީ މަޢުލޫމާތާއި އީމެއިލް އާއި ކޭޝް ކާޑުގެ މަޢުލޫމާތާއި އެނޫންވެސް މުހިންމު މަޢުލޫމާތު ހޯދަން ގުޅި ނަމަވެސް އެފަދަ މަޢުލޫމާތު ހިއްސާ ނުކުރުމަށް ފުލުހުންވަނީ އެދިފައެވެ. އަދި ބޭނުންކުރާ އީމެއިލް އަކީ ބޭންކިންގ ފަދަ ޚިދުމަތްތަކުގައި އާއި އަމިއްލަ އެކި ބޭނުންތަކުގައި ބޭނުންކުރާ އީމެއިލް އެއްނަމަ ސެކިއުރިޓީ ގޮތުން ވަރުގަދަކުރުމާއި ފޯނަށް އަންނަ އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުންވަނީ މީގެ ކުރިންވެސް އިލްތިމާސްކޮށްފައެވެ.