ޚަބަރު

ދުވާފަރު ކޮރަޕްޝަންގެ މައްސަލާގައި އޭސީސީ ޓީމެއް އެރަށުގައި، ތުހުމަތުކުރެވޭ މީހުންނާ ސުވާލުކުރަނީ


ދުވާފަރު ކައުންސިލް އިދާރާގެ ހިންގުމުގައާއި ފައިސާގެ މުއާމަލާތްތައް ކުރުމުގައި ކޮރަޕްޝަނާ ވައްކަމުގެ މައްސަލަތައް ހުރިކަން އެލްޖީއޭގެ ރިޕޯޓަކުން ހާމަވި މައްސަލާގައި އޭސީސީގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އޭސީސީން ވިދާޅުވެއްޖެއެވެ. އޭސީސީން މިހެން ވިދާޅުވީ، ދުވާފަރު ކައުންސިލުން ހިންގި ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަ ހާމަވިތާ 2 މަސްވީއިރުވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.

އެލްޖީއޭއިން ޢާންމުކުރި އިންޑެކްސް ރިޕޯޓްގައި ބުނެފައިވާގޮތުގައި ރ.ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންގެ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާކޮށްފައިވެއެވެ. މިމައްސަލައާއި ގުޅިގެން އޭސީސީން ވިދާޅުވީ، ދުވާފަރު ކައުންސިލުން ހިންގިކަމަށް އެލްޖީއޭއިން ހާމަކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަ މިއަހަރުގެ ޖުލައި 21 ގައި އެކޮމިޝަނަށް ހުށައެޅުމާއި ގުޅިގެން މައްސަލަ ދިރާސާކުރުމަށްފަހު، އެކޮމިޝަނަށް މައްސަލަ ބަލައިގަނެ އެމައްސަލައިގެ ތަހުގީގު، ބާރު ސްޕީޑުގައި ކުރިއަށްދާކަމަށެވެ.

އެގޮތުން މިވަގުތުވެސް އޭސީސީގެ އިންވެސްޓިގޭޓަރުން ހިމެނޭ ޓީމެއް ދުވާފަރުގައި ހަރަކާތްތެރިވަމުންދާ ކަމަށްވެސް އޭސީސީން ވިދާޅުވިއެވެ. އަދި މިދިޔަ އޮގަސްޓްމަހުގެ 25 ވަނަ ދުވަހު ދުވާފަރަށް ދިޔަ އޭސީސީގެ ޓީމުން މި މައްސަލައާ ގުޅޭ ލިޔެކިއުންތައް ބަލައި ދިރާސާ ކުރުމުގެ އިތުރަށް ތަހުގީގަށް ސުވާލުކުރަންޖެހޭ ފަރާތްތަކާއި ދަނީ ސުވާލުކުރަމުންކަމަށާއި، ފައިސާއާ ގުޅޭ މުޢާމަލާތްތައް ހިންގާފައިވާގޮތްވެސް އޭސީސީން ބަލާނެކަމަށް އޭސީސީން ބުންޏެވެ.

ރ.ދުވާފަރުން ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލައާއި ގުޅޭގޮތުން އެލްޖީއޭއިން ޢާންމުކުރި ރިޕޯޓްގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ކައުންސިލްގެ ތެރޭގައި ނަހަމަ ގޮތުގައި ކޮށްފައިވާ ފައިސާގެ މުއާމަލާތްތަކެވެ. އެގޮތުން ޒަކާތު ފައިސާއަށް ޚިޔާނާތްތެރިވުމާއި، ބިޑް ކުރުމާއި ނުލާ ކައުންސިލްގެ މުވައްޒަފުންގެ މަސްލަހަތު އޮންނަ ގޮތަށް މަސައްކަތްތައް ހަވާލުކުރުމާއި، ލިޔެކިޔުން ނެތް ފައިސާގެ އެތައް މުޢާމާލަތްތަކެއް ކޮށްފައިވާކަން ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. މި މުޢާމަލާތްތަކުގައި ކައުންސިލްގެ ޑިރެކްޓަރާއި، ކައުންސިލްގެ ރައީސްއާއި މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ކޮންޓްރެކްޓް މުވައްޒަފުންނަށްވެސް ފައިސާ ޖަމާކޮށްފައިވާކަމަށް އެލްޖީއޭގެ ރިޕޯޓްގައިވެއެވެ. އަދި ލިޔެކިޔުންނެތި ކައުންސިލްގެ ފައިސާއިން އެތައް ލައްކަ ރުފިޔާއެއް ކައުންސިލްގެ މުވައްޒަފުންގެ އެކައުންޓްތަކަށް، ޖަމާކޮށްފައިވާކަމަށް އެ ރިޕޯޓްގައިވެއެވެ.

އެލްޖީއޭއިން ވިދާޅުވީ ރިޕޯޓް އާއްމުކުރުމުގެ ކުރިން، މޮނިޓަރިންގެ ތެރެއިން ފާހަގަވި މައްސަލަތަކަށް އާއްމު އުޞޫލުގެ ތެރެއިން ޖަވާބުދާރީވުމަށް، ކައުންސިލަށް ދޭންޖެހޭ އެކަށީގެންވާ މުއްދަތުވެސް ދީފައިވާކަމަށެވެ. އަދި އެލްޖީއޭއިން ވަނީ ރިޕޯޓްގައި ފާހަގަކުރެވުނު މައްސަލަތައް ތަޙުޤީގުކޮށް، އިޙުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ތަހުގީގީ އިދާރާތަކުގައި އެދިފައިވާނެކަމަށްވެސް ވިދާޅުވެފައެވެ.