ޚަބަރު

ކާބުލްގައި ހުންނަ ރަޝިޔާ އެމްބަސީއަށް ބޮމުގެ ހަމަލާއެއް ދީފި


އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ރަޝިޔާ އެމްބަސީގެ ދޮރުމަތީގައި ބޮމެއް ގޮއްވައިލައިގެން ދިން ހަމަލާއެއްގައި ހަ މީހުން މަރުވެއްޖެއެވެ. މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ރަޝިޔާ އެމްބަސީގެ ދެ މުވައްޒަފުން ހިމެނޭ ކަމުގައި ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.

އަފްޣާނިސްތާނުގެ ފުލުހުން ބުނީ، މި ހަމަލާގައި އިތުރު 10 މީހަކު ޒަޚަމުވި ކަމުގައެވެ. އަދި، ބޮން ގޮއްވައިލާފައި ވަނީ، އެމްބަސީގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފުލުހުންނަށް ގޮވާ އެއްޗެއް ހިފައިގެން ހުރި މީހަކު ފެނުމުން އެ މީހާއަށް ބަޑިން ހަމަލާދޭން ފެށުމުން ކަމުގައި ވެސް ފުލުހުން ބުނެއެވެ. މިއީ، 2021 އޮގަސްޓުގައި ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވި ފަހުން، އެ ޤައުމުގައި ޤާއިމު ކޮށްފައިވާ އެމްބަސީއަކަށް އަމާޒުކޮށް ދީފައިވާ މި ފަދަ ފުރަތަމަ ހަމަލާއެވެ. އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައި.އެސް. ޖަމާޢަތުން ވަނީ މި ހަމަލާގެ ޒިންމާ އުފުލާ ކަމަށް ބުނެފައެވެ.

އެމްބަސީގެ ދެ މުވައްޒަފުންގެ އިތުރުން މި ހަމަލާގައި މަރުވެފައި ވަނީ ޢާންމުންގެ ހަތަރު މީހެކެވެ. ތާލިބާނުންގެ ވެރިކަން ފެށި ފަހުން އަފްޣާނިސްތާނުގައި ހިންގަމުންދާ މަދު އެމްބަސީތަކުގެ ތެރޭގައި ރަޝިޔާގެ އެމްބަސީ ހިމެނެއެވެ. ނަމަވެސް، އެ ޤައުމުން ވެސް އަދި މިހާތަނަށް ތާލިބާނުންގެ ސަރުކާރު ބަލައިގަނެފައެއް ނުވެއެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އ.ދ.ގެ މިޝަންއިން ވަނީ އެމްބަސީއަށް ދިން ހަމަލާ ކުށްވެރި ކޮށްފައެވެ. އަދި، އެ ޤައުމުގެ ރައްޔިތުންނާއި އެމްބަސީތަކާއި އެ ޤައުމުގައި ހަރަކާތްތެރިވާ ބޭރު ޤައުމުތަކުގެ އޮފިޝަލުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ތާލިބާނުންގެ ސަރުކާރަށް ގޮވައިލާފައެވެ.

"ރަޝިޔާއާއި އަފްޣާނިސްތާނާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް. ތާލިބާނުންނާ ދެކޮޅު ފަރާތްތަކުގެ މި ފަދަ އަމަލުތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމަށް އަސަރު ކުރުމުގެ ފުރުޞަތެއް ނުދޭނަން،" ތާލިބާނުންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޢަބްދުލް ޤައްހާރު ބަލްޚީ ބުންޏެވެ. އެމްބަސީތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގައި ވެސް އޭނާ ބުންޏެވެ.