ޚަބަރު

މެކްސިކޯއަށް އެރި ބާރުގަދަ ތޫފާނެއްގައި 3 މީހުން މަރުވެއްޖެ


ޕެސިފިކް ކަނޑުގައި އުފެދިފައިވާ ބާރުގަދަ ތޫފާނެއް ކަމުގައިވާ ކޭ މެކްސިކޯއަށް އަރައިފިއެވެ. މި ތޫފާން އަރާފައި ވަނީ މެކްސިކޯގެ ހުޅަނގު ދެކުނުގައިވާ ސްޓޭޓެއް ކަމުގައިވާ ގެރޭރޯއަށެވެ.

މި ތޫފާނާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި އެ ސްޓޭޓުން ތިން މީހުން މަރުވިއެވެ. އެ މީހުން މަރުވީ ތޫފާނާ އެކު އައި ގަދަވަޔާއި ބޯ ވާރޭގައި ޢިމާރާތްތަކަށް ލިބުނު ގެއްލުންތަކާއި، ގަސްތައް ވެއްޓުން ފަދަ ހާދިސާތަކެއްގައެވެ. މި ތޫފާނާ އެކު ބޯކޮށް ވާރޭވެހި ގެރޭރޯ ސްޓޭޓްގެ ބަނދަރުމަތީ ރަށެއް ކަމުގައިވާ އަކަޕުލްކޯގެ ކޯރުތައް ވެސް ވަނީ ފުރިގެން ބަންޑުންވެފައެވެ.

އެމެރިކާގެ ނޭޝަނަލް ހަރިކޭން ސެންޓަރ (އެން.އެޗް.ސީ)އިން ބުނީ ތޫފާން ކޭ އިތުރަށް ބާރު ގަދަވަމުން ދާ ކަމުގައެވެ. އަދި، ކުރިއަށް އޮތް ދުވަސްތަކުގައި މެކްސިކޯގެ ހުޅަނގު ދެކުނުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމުގައެވެ. މި ތޫފާނާ އެކު ގަޑިއަކު 130 ކިލޯމީޓަރަށް ވައި ގަދަވެފައިވާ ކަމަށާއި، މެކްސިކޯގެ ބާހާ ކެލިފޯނިޔާ ސަރަޙައްދަށް ތޫފާން ދަތުރު ކުރަމުންދާ ކަމުގައި ވެސް އެން.އެޗް.ސީ.އިން ބުނެއެވެ.

އެޓްލާންޓިކް ކަނޑުގެ ސަރަޙައްދުގައި ވެސް ބާރުގަދަ ތޫފާނެއް ވަނީ އުފެދިފައެވެ. އަރލްގެ ނަން ދީފައިވާ މި ތޫފާން މިހާރު އޮތީ ޕުއެރްތޮ ރީކޯގެ އިރު އުތުރުގެ ސަރަޙައްދުގައެވެ. ތޫފާން އަރލްގެ ސަބަބުން އެ ސަރަޙައްދަށް ގަޑިއަކު 100 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހެމުންދާ ކަމުގައި މޫސުމާ ބެހޭ އިދާރާތަކުން ބުނެއެވެ. އަދި، ކުރިއަށް އޮތް ދުވަސްތަކުގެ އެ ތޫފާން އިތުރަށް ބާރުގަދަ ވާނެ ކަމަށް ވެސް އެ ފަރާތްތަކުން ލަފާ ކުރެއެވެ.