ޚަބަރު

ރަޝިޔާއަކީ ޓެރަރިޒަމަށް ހިތްވަރުދޭ ދައުލަތެއް ގޮތަށް ސިފަކޮށްގެން ނުވާނެ: ބައިޑަން


ރަޝިޔާއަކީ ޓެރަރިޒަމަށް ހިތްވަރުދޭ، އަދި ޓެރަރިސްޓް ޖަމާޢަތްތަކަށް ވާގިވެރިވެދޭ ޤައުމެކޭ ބުނެވެން ނެތް ކަމަށާއި، އެ ގޮތަށް ސިފަ ކުރެވެން ނެތް ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ. ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ކަމާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުން ބައިޑަން ވިދާޅުވީ، ރަޝިޔާއަކީ އެ ފަދަ ޤައުމެއްގެ ގޮތުގައި ސިފަ ކުރެވެން ނެތް ކަމުގައެވެ.

ނަމަވެސް، ރަޝިޔާއިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައިގައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމަށް ޔޫކްރެއިނުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި، ރަޝިޔާއަކީ ޓެރަރިޒަމަށް ހިތްވަރުދޭ، އަދި ޓެރަރިސްޓް ޖަމާޢަތްތަކަށް ވާގިވެރިވާ ޤައުމެއްގެ ގޮތުގައި ލޭބަލް ކުރުމަށް ނުވަތަ ކަނޑައެޅުމަށް ޔޫކްރެއިނުން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ހިތްވަރު ދެމުންނެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ވެސް ދަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތް ކުރަމުންނެވެ. އަދި، މި ކަމާ ގުޅޭ ބިލެއް ސެނެޓަށް ހުށަހެޅުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މި ބިލާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސެނެޓުގެ ދެ މެންބަރަކު ވަނީ ޖުލައި މަހުގެ ތެރޭގައި ޔޫކްރެއިނުގެ ވެރިރަށް ކީވަށް ވަޑައިގަންނަވައި، އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ އެކު މަޝްވަރާ ވެސް ކުރައްވާފައެވެ.

ރަޝިޔާއިން ވަނީ މި ކަމާ ގުޅިގެން މީގެ ކުރިން އެމެރިކާއަށް އިންޒާރު ދީފައެވެ. ބުނީ، އެ ޤައުމަކީ ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމެއްގެ ގޮތުގައި ކަނޑައަޅައިފި ނަމަ، ދެ ޤައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް އެ ކަމުގެ އަސަރު ކުރާނެ ކަމުގައެވެ. އަދި، ސިޔާސީ ގުޅުން ކަނޑައިލަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުގައި ރަޝިޔާއިން އިންޒާރު ދިނެވެ.