ޚަބަރު

ޗައިނާއަށް އައި ބިންހެލުމެއްގައި 45އަށްވުރެ ގިނަ މީހުން މަރުވެއްޖެ


ޗައިނާގެ ހުޅަނގު ދެކުނުގައިވާ ސިޗުއާން ޕުރޮވިންސަށް އައި ބާރުގަދަ ބިންހެލުމެއްގައި މަރުވި މީހުންގެ އަދަދު 46 އަށް އަރައިފިއެވެ. އެ ޕުރޮވިންސުގެ ބިމު އަޑިން 10 ކިލޯމީޓަރު އަޑިއަށް އައި މި ބިންހެލުން ރެކޯޑު ކުރެވިފައިވަނީ ރިކްޓަރ މިންގަނޑުން 6.6 ގައެވެ.

ބިންހެލުން އައި ވަގުތު 21 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސިޗުއާން ޕުރޮވިންސު އޮތީ ކޮވިޑް-19 އާ ގުޅިގެން ފުރަބަންދު ކޮށްފައެވެ. މި ބިންހެލުމުގެ ސަބަބުން އެ ޕުރޮވިންސުގެ ގިނަ ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތައް ލިބުނެއެވެ. މުވާސަލާތީ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ކޭބަލްތައް ކެނޑުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގިއެވެ. އަދި ބައެއް ހިސާބުތަކުން ކަރަންޓުގެ ޚިދުމަތް ވެސް މެދުކެނޑުނެވެ. ބިންހެލުން އައިސްފައި ވަނީ ސިޗުއާން ޕުރޮވިންސުގެ ވެރިރަށް ޗެންގްޑޫގެ ހުޅަނގު ދެކުނުން 226 ކިލޯމީޓަރު ދުރުގައި އޮތް ލުޑިންގް ކިޔާ ފަރުބަދަތީ ރަށެއްގެ ކައިރިއަށެވެ.

ބިންހެލުމުގައި ލުޑިންގްގައި ގިނަ އަދަދެއްގެ ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. އެއީ 1.55 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސަރަޙައްދެކެވެ. މިއީ 2017 ވަނަ އަހަރަށް ފަހު އެ ސަރަޙައްދަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

ސިޗުވާން ޕުރޮވިންސް އޮންނަނީ ބިންހެލުންތައް ގިނަ ހިސާބެއްގައެވެ. 2008 ވަނަ އަހަރުގެ މޭ މަހު އެ ސަރަޙައްދަށް ރިކްޓަރ މިންގަނޑުން 8.0 ގެ ބާރުމިނުގައި އައި ބިންހެލުމެއްގައި 70,000 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އަދި، 2017 ވަނަ އަހަރު ވެސް ރިކްޓަރ މިންގަނޑުން 7.0 ގެ ބާރުގަދަ ބިންހެލުމެއް އެ ސަރަޙައްދަށް އައެވެ.