ޚަބަރު

އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރަކީ ލިޒް ޓްރަސް


އިނގިރޭސި ވިލާތުގެ އައު ބޮޑުވަޒީރު ކަނޑައެޅުމަށް ވެރިކަން ކުރާ ކޮންޒަރވެޓިވް ޕާޓީގެ މެންބަރުންގެ މެދުގައި ނެގި ވޯޓު ޚާރިޖީ ވަޒީރު މޭރީ އެލިޒަބަތް ޓްރަސް ކާމިޔާބު ކުރައްވައިފިއެވެ. އިންތިޚާބުގައި ޓްރަސް ވާދަ ކުރައްވާފައި ވަނީ ކުރީގެ މާލީ ވަޒީރު ރިޝީ ސުނަކްއާއެވެ. އުމުރުފުޅުން 47 އަހަރުގެ ޓްރަސް އިންތިޚާބު ކާމިޔާބު ކުރެއްވީ 57 އިންސައްތަ ތާޢީދާއެކުއެވެ.

އިންތިޚާބުގެ ނަތީޖާ އިޢުލާނު ކުރުމާ އެކު ޓްރަސް ވަނީ އޭނާއާ ވާދަ ކުރެއްވި ސުނަކްއަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި، އިނގިރޭސި ވިލާތަށް މި ވަގުތު ކުރިމަތިވެފައިވާ އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް ރޭވުންތެރިކަމާ އެކު ހަރުދަނާ މަސައްކަތްތައް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ވަޢުދުވެ ވަޑައިގެންނެވި ގޮތަށް ޓެކްސް ނަގާ މިންވަރު ދަށް ކުރަން މަސައްކަތް ކުރައްވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ރަސްމީ ގޮތުން ބޮޑުވަޒީރު ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތައް ޓްރަސްއާ ހަވާލު ކުރައްވާނީ ސެޕްޓެންބަރު 6 ގައި ބާއްވާ ރަސްމިއްޔާތެއްގައި ރާނީ އެލިޒަބަތެވެ. އޭނާއަށް އެންމެ ފުރަތަމަ ވެސް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ މަސައްކަތަށް ވަނީ އުފުލެމުންދާ ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުމެވެ.

މީގެ އިތުރުން ކުރިއަށް އޮތް ފިނި މޫސުމާ ދިމާކޮށް ތެލާއި ގޭހުގެ ސްޓޮކް މަދުވުމާއި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި، ޞިއްޙީ ޚިދުމަތްތަކާ ގުޅޭ މައްސަލަތަކުގެ އިތުރުން ވިލާތުގެ އިއްތިހާދުން އިނގިރޭސި ވިލާތް ވަކިވުމާ ގުޅިގެން ކުރިމަތިވެފައިވާ ކަންކަމާ އޭނާ އެކުލަވައިލައްވާ ސަރުކާރަކަށް ކުރިމަތިލާން ޖެހޭނެއެވެ.

ބޮޑުވަޒީރު ބޮރިސް ޖޮންސަން ވަނީ ޓްރަސްއަށް މަރުޙަބާ ވިދާޅުވެފައެވެ. "އުފުލެމުންދާ ހަކަތައިގެ އަގުތައް ކޮންޓްރޯލް ކުރުމަށް ޓްރަސް ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ޔަޤީން ކަން އެބައޮތް. އަދި ޕާޓީ އެކަތިގަނޑަކަށް ހަދައި، ޤައުމުގައި އެއްބައިވަންތަކަށް ދިރުވައި އާލާ ކުރަން އޭނާ މަސައްކަތް ކުރާނެ،" ޖޮންސަން ވިދާޅުވިއެވެ. ސެޕްޓެންބަރު 6 ގައި ރާނީއާ ބައްދަލު ކުރައްވައި ޖޮންސަން ރަސްމީކޮށް އިސްތިޢުފާ ހުށަހަޅުއްވާނެއެވެ.

ސުނަކް ވެސް ވަނީ ޓްރަސްއަށް މަރުޙަބާ ވިދާޅުވެފައެވެ. "ކޮންޒަރވެޓިވް ޕާޓީއަކީ އެއް ޢާއިލާއެކޭ އަހުރެން އަބަދުވެސް ބުނަން. މިއީ، އެންމެން ޓްރަސްގެ ފަހަތަށް އަރައި، އޭނާއަށް އެންމެ ފުރިހަމައަށް އެއްބާރުލުން ދޭންވީ ވަގުތު،" ސުނަކް ވިދާޅުވިއެވެ.
ލިޒް ޓްރަސް އުފަންވެ ވަޑައިގަތީ 1975 ވަނަ އަހަރުއެވެ. އޭނާގެ ބައްޕާފުޅަކީ ހިސާބު ޢިލްމުވެރިއެކެވެ. އަދި، މަންމާފުޅަކީ ނަރުހެކެވެ. އޭނާ ވަނީ އޮކްސްފަޑް ޔުނިވަރސިޓީއިން ފަލްސަފާއާއި ސިޔާސަތާއި އިޤްތިޞާދީ ދާއިރާއިން މަތީ ތަޢުލީމު ހާސިލު ކުރައްވާފައެވެ.

ކޮންޒަރވެޓިވް ޕާޓީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ އަދަދަކީ 172,437 އެވެ. މީގެ ތެރެއިން 82.6 އިންސައްތަ މީހުން އިންތިޚާބުގައި ވޯޓުލާފައި ވާއިރު، ޓްރަސް އިންތިޚާބު ކާމިޔާބު ކުރެއްވީ 81,326 ވޯޓުންނެވެ.