ކުޅިވަރު

10 ގަޑިއިރުން ހުވަދު ކަނޑު ހުރަސްކޮށް، ގައްބެ ވިލިގިލީގައި


ދިހަ ގަޑިއިރުގެ ދަތުރަކަށްފަހު އަބުދުލްޣަފޫރު އަލީ، ގައްބެ ހުވަދޫ ކަނޑު ހުރަސްކޮށް ގއ.ވިލިގިއްޔަށް ހިނގައްޖެއެވެ. ލ.އަތޮޅުން ފުރައިގެން ގައްބެއަށް ވިލިގިއްޔަށް ދެވުނީ މިއަދު ހަވީރު ހަތަރެއް ޖެހިއިރުއެވެ. ކާއެއްޗެއް ނުކައި، ކަޓަމަރާނެއްގައި ކުރި މުޅި ދަތުރު ހިފެހެއްޓީ މުޅިން ފެން ބޮއެގެންކަމަށް ގައްބެ ބުންޏެވެ. ރިޔަލު ކަނދުގައި ރާއްޖެ ވަށާ ބުރުޖެހުމަށް ގައްބެ ކުރާ ތާރީޚީ ދަތުރުގައި ވިލިގިއްޔަށް ދެއްވުނުއިރު ވަރަށް ބޮޑަށް ވަރުބަލިވެފައިވާކަމަށާއި، ނަމަވެސް ވިލިގިލިން ކީ ހޫނު މަރުހަބާއާއި ގުޅިގެން ދަތުރުގެ ވަރުބަލިކަންވެސް ފިލާފައިވާކަމަށް އޭނާ ބުނިްޏެވެ." ކާއެއްޗެއް ނުކަން. މުޅިން ފެން ބޮއެގެން ހިފެހެއްޓީ. ވަރަށް ވަރުބަލިވެފަ ހުރީ. ދަތުރުގައި މަޑުކުރީވެސް ވިލިގިއްޔާ 18 ނޯޓިކަލް މޭލްގައިވާ ފަޅު ރަށަކަށް. އެއީވެސް ނަމާދުކޮށްލަން. އަންދާޒާކުރީ ހަ ގަޑި ތިރީސް މިނިޓުން ދެވޭނެކަމަށް. ނަމަވެސް އުއްމީދުކުރިވަރަށްވުރެ ލަސްވީ ވައި މަޑުވުމުން. ފުރިއިރު ތަންކޮޅެއް ގަދަނަމަވެސް ކަނޑުވެސް ގަދައެއްނޫން. ހަމަ ވައިމަޑީ މިއަދު. ވިލިގިލިން ކީ ހޫނުމަރުހަބާޔާއެކު ވަރުބަލިކަންވެސް ފިލައިފި. ވަރަށް ހޫނު މަރުހަބާއެއް ކީ. ނޭންގެ ބުނާނެ އެއްޗެއްވެސް. " ގައްބެ ބުންޏެވެ.މިއަދު އިރުއޮއްސޭއިރު ގައްބެ ވަނީ ވިލިގިލީގެ ބައެއް ތަންތަން ބަލާލަން ޒިޔާރަތްކޮށްފައެވެ. މިތާރީޚީ ދަތުރުގައި މާދަމާ ހެނދުނު ގައްބެ ފުރާނީ ގދ.ވާދޫއަށް ދިއުމަށެވެ. މިއީ ވިޒިޓް މޯލްޑިވްސް އިޔަރ 2016 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ހިންގާ ހަރަކާތުގެތެރޭގައިވެސް ހިމެނޭ އިވެންޓެކެވެ. ރާއްޖޭގެ ޘަޤާފަތާއި އާދަކާދަ އަދި މަސައްކަތްތެރިކަން އިޝްތިހާރުކުރުމަކީވެސް މިދަތުރުގެ ބޭނުމެކެވެ.