ދުނިޔެ

ފަލަސްތީނުގެ ތިން މީހެއްގެ ޖަނާޒާ ބާއްވައިފި


ހައްދުފަހަނަ އަޅާފައިވާ އިސްރާއީލް ސިފައިންގެ ލާއިންސާނީ ޢަމަލުތަކުގެ ޝިކާރައަކަށްވެ، ޝަހީދުވި ފަލަސްތީނުގެ ތިން މީހެއްގެ ޖަނާޒާ ބާއްވައިފިއެވެ.މި ތިން މީހުންގެ ޖަނާޒާ ބާއްވާފައި ވަނީ ހުޅަނގުއައްސޭރީގައި ގުދުސްގެ މައި ދޮރާށި ކައިރީގައި އިއްޔެގެ ވަގުތެއްގައެވެ. މި ތިން މީހުންނަކީ އިސްރާއީލް ސިފައިންގެ ޗެކްޕޮއިންޓަކުން ހުއްޓުވައި ޗެކް ކުރަން އުޅުމުން އިސްރާއީލް ސިފައިންނަށް ޙަމަލާދޭން މަސައްކަތްކުރި ބައެއް ކަމަށް އިސްރާޢީލް ސިފައިން ތުހުމަތު ކުރެއެވެ. އެހެންނަމަވެސް އެ މީހުންނަކީ އަލް-އަޤްސާ މިސްކިތަށް ނަމާދަށް ދިޔަ ތިން މީހުން ކަމަށާއި އެމީހުން މިސްކިތަށް ވަންނަން ދިއުމުން، އެމީހުންނަކީ އިސްރާޢީލް ސިފައިންނަށް ޙަމަލާދޭން މަސައްކަތްކުރި ބައެއް ކަމަށް ބުނެ، އިސްރާޢީލް ސިފައިން އެ ތިން މީހުން ޝަހީދުކޮށްލާފައިވާ ކަމަށް މަންޒަރު ދުށް މީހުނާއި ހަވާލާދީ ފަލަސްތީނުގެ ޚަބަރު ވެބްސައިޓެއް ކަމަށްވާ ޑޭސް އޮފް ފަލަސްތީނުން ރިޕޯޓް ކުރެއެވެ.ފަހަކަށްއައިސް އިސްރާއީލް ސިފައިންގެ ފަރާތުން ފަލަސްތީނުގެ އާއްމުންނާ ދެކޮޅަށް ހިންގާ މިފަދަ ޖަރީމާތައް ވަނީ ގިނަވެފައެވެ. އަދި އިސްރާޢީލް ސިފައިން ހިންގާ މިފަދަ އަމަލްތަކަށްފަހު، ކަމުގެ އަސްލު އޮޅުވާލުމަށް ކުރަމުންދާ މަސައްކަތް ދަނީ ފަޅާ އަރަމުންނެވެ. ވޭތުވެދިޔަ ދެތިން މަސްދުވަހު އިސްރާއީލް ސިފައިން ދިން މިފަދަ ޙަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ އާއްމުންގެ އަދަދު މިހާރު 156 އަށް އަރާފައިވާއިރު، މީގެތެރެއިން 100 އެއްހާ މީހުންނަކީ އިސްރާއީލް ސިފައިންނަށް ޙަމަލާދޭން މަސައްކަތްކުރި މީހުން ކަމަށް އިސްރާއީލުން ތުހުމަތުކުރެއެވެ.