ޚަބަރު

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ: ބައެއް ސަރަޙައްދުތައް މިނިވަންކޮށްފި


ރަޝިޔާ ސިފައިންގެ އަތްދަށުގައި އޮތް ޔޫކްރެއިނުގެ ބައެއް ސަރަޙައްދުތައް މިނިވަން ކޮށްފައިވާ ކަމުގައި އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. ފެބުރުއަރީ 24 ގައި ރަޝިޔާ ސިފައިން އެ ޤައުމަށް އަރައި ފަށާފައިވާ ހަނގުރާމައިގައި ހިފާފައިވާ ބައެއް ރަށްތައް މިނިވަން ކުރުމަށް އެ ޤައުމުގެ ސިފައިން އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ މީގެ ހުސްވި އޮގަސްޓު މަހުގެ ތެރޭގައެވެ.

ޒެލެންސްކީ ވިދާޅުވީ، ޔޫކްރެއިނުގެ ދެކުނުގައިވާ ދެ އަވަށަކާއި އިރުމަތީގައިވާ އަވަށެއް އެ ޤައުމުގެ ސިފައިން މިނިވަން ކޮށްފައިވާ ކަމުގައެވެ. އަދި، އެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުން ދިޔަ ރަޝިޔާ ސިފައިން ފައްސައިލާފައިވާ ކަމުގައެވެ. އެއީ، އިރުމަތީގައިވާ ޑޮނެޓްސްކްގެ އިތުރުން ލިސިޗެންކްސްއާއި ސިވެރްސްކް ކައިރީގައިވާ ރަށްތަކެކެވެ. ނަމަވެސް، އެއީ ކޮން ރަށްތަކެއް ކަން އޭނާ ހާމައެއް ނުކުރައްވައެވެ. ދެކުނުން މިނިވަން ކޮށްފައި ވަނީ ޚަރްސަން ސަރަޙައްދުގެ ރަށެކެވެ. ރަޝިޔާ ސިފައިން 2014 ވަނަ އަހަރު އަތުލި ކްރައިމިޔާއާ އިންވެގެން އުތުރަށް އޮންނަ ޚަރްސަން ރަޝިޔާ ސިފައިން ހިފާފައި ވަނީ މި އަހަރުގެ ކުރީ ކޮޅުގައެވެ. އަދި، އިރުމަތީގައިވާ ލިސިޗެންސް ހިފާފައި ވަނީ ޖުލައި މަހުގެ ތެރޭގައެވެ.

ކުރިއަށް އޮތް ފިނި މޫސުމަކީ އެ ޤައުމުގެ ރައްޔިތުންނަށް ދަތި ދުވަސްތަކަކަށް ވާނެ ކަމުގައި ވެސް ޒެލެންސްކީ ވިދާޅުވިއެވެ. ފިނި މޫސުމާ އަމާޒުކޮށް ރަޝިޔާއިން ވިލާތުގެ ޤައުމުތަކަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ. ރަޝިޔާއިން ވަނީ ވިލާތުގެ ޤައުމުތަކަށް ޤުދުރަތީ ގޭސް ފޯރުކޮށްދޭން ބޭނުން ކުރާ ނޯޑް ސްޓްރީމް 1 ހޮޅިތައް ބަންދު ކޮށްފައެވެ. ބުނީ، އެ ކަން ކޮށްފައި ވަނީ މަރާމާތުތަކެއް ކުރުމަށް ކަމުގައެވެ.

ހޮޅިތަކަށް ޓެކްނިކަލް މައްސަލަތަކެއް ކުރިމަތިވީ، ހުޅަނގުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ކަމަށް ރަޝިޔާއިން ތުހުމަތު ކުރެއެވެ. ނަމަވެސް، ހުޅަނގުން ބުނަނީ، ތެލާއި ގޭހަކީ ހަތިޔާރެއްގެ ގޮތުގައި ރަޝިޔާއިން ބޭނުން ކުރަމުންދާ ކަމުގައެވެ. މިއީ، ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅައި، ޔޫކްރެއިނާ އެއްބައިވުމުގެ އަދަބެއްގެ ގޮތުގައި ވެސް ވިލާތުން ސިފަ ކުރެއެވެ.

ނޯޑް ސްޓްރީމް 1 ހޮޅިތައް މެދުވެރިކޮށް ރަޝިޔާއިން ވިލާތަށް ގޭސް ފޯރުކޮށްދޭން އަލުން ފަށާނެ ވަކި ތާރީޚެއް ނޭނގެއެވެ. ރަޝިޔާއިން ވިލާތުގެ ޤައުމުތަކަށް ވިއްކާ ގޭހުގެ އަގު ކޮންޓްރޯލް ކުރުމާ މެދު ވިލާތުގެ ޤައުމުތަކުން ދަނީ މަޝްވަރާ ކުރަމުންނެވެ. އަދި، ރަޝިޔާއިން ވަނީ އެ ގޮތަށް އަމަލު ކުރާ ހުރިހާ ޤައުމަކަށް ގޭސް ވިއްކުން ހުއްޓައިލާނެ ކަމުގެ އިންޒާރު ދީފައެވެ.

"ރަޝިޔާއަކީ މިހާރު ހަކަތައިގެ ދާއިރާއިން ބަރޯސާވެވޭ ޤައުމެއް ނޫން،" މިކަމާ ގުޅިގެން ޖަރުމަނު ވިލާތުގެ ޗާންސެލަރ އޯލާފް ޝޮލްޒް ވިދާޅުވިއެވެ. މި ކަމަށް ރައްދު ދެމުން ރަޝިޔާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭފް ވިދާޅުވީ، ޖަރުމަނު ވިލާތަކީ ރަޝިޔާގެ ހަތުރެއްގެ ގޮތުގައި ދެކޭ ކަމުގައެވެ. އަދި، މިއީ އެ ޤައުމާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރުން ކަމަށް ޤަބޫލުކުރާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.