ޚަބަރު

ނަޖީބު ރައްޒާޤުގެ އަނބިކަނބަލުންނަށްވެސް ޖަލު ހުކުމެއް


ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤުގެ އަނބިކަނބަލުން ރޯސްމާ މަންޞޫރު ޖަލަށް ލާން ހުކުމް ކޮށްފިއެވެ. 70 އަހަރުގެ ރޯސްމާއަށް އިއްވާފައި ވަނީ 10 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. މީގެ އިތުރުން، 216 މިލިޔަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް ވެސް އޭނާގެ މައްޗަށް މެލޭޝިޔާގެ ކުއަލަލުމްޕޫރުގެ ހައި ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ރޯސްމާގެ މައްޗަށް އުފުލާފައި ވަނީ، ސަރުކާރުގެ މަޝްރޫޢުތަކެއް ވަކި ކުންފުންޏަކަށް ހޯދައިދިނުމަށް ހިންގި ކޮރަޕްޝަންގެ އަމަލުތަކުގައި ބައިވެރިވެ، ރިޝްވަތު ހިފުމުގެ ދަޢުވާއެވެ. ނަޖީބު ރައްޒާޤުގެ ވެރިކަމުގައި އެންމެ އަގު ބޮޑެތި ބްރޭންޑުތަކުގެ އެތައް ސަތޭކަ އަތްދަބަހާއި، އަގުބޮޑު ގަހަނާތަކެއް އޭނާ ހޯދާފައިވެއެވެ. ރޯސްމާ މިހާރު ހުރީ ކަފާލާތުގެ ދަށުން މިނިވަން ކޮށްފައެވެ. އަދި، އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް މިހާރު ވަނީ އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް، މެލޭޝިޔާގެ މަތީ ކޯޓުތަކަށް ހުށަހަޅާފައިވާ އިސްތިއުނާފުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ ނަމަ، އޭނާއަށް ވެސް ޖަލު ހުކުމް ތަންފީޒު ކުރަން ޖެހޭނެއެވެ.

މެލޭޝިޔާގައި 2018 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ނަޖީބު ރައްޒާޤަށް ނާކާމިޔާބުވުމުން އޭނާއާ ދެކޮޅަށް ކުރެވެމުންދިޔަ ކޮރަޕްޝަންގެ ތުހުމަތުތައް ތަހުޤީޤު ކުރަން ފެށިއެވެ. މި ތަހުޤީޤުގެ ދަށުން، ނަޖީބުގެ ވެރިކަމުގައި ރޯސްމާ ހޯދާފައިވާ ގިނަ އަދަދެއްގެ އަގު ބޮޑެތި މުދާތައް ވަނީ ހޯދާފައެވެ. މީގެ ތެރޭގައި އެކި ކަހަލަ ޖަވާހިރުން ޒީނަތްތެރި ކޮށްފައިވާ 12,000 ގަހަނާއާއި، އަގުބޮޑު ބްރޭންޑުތަކުގެ 567 އަތްދަބަހާއި، 423 އަތުކުރީ ގަޑީގެ އިތުރުން ނަގުދު ފައިސާގެ ގޮތުގައި ފޮރުވާފައި ހުރި 26 މިލިޔަން ޑޮލަރު ހިމެނެއެވެ.

ރިޝްވަތުގެ ގޮތުގައި ރޯސްމާ 41.85 މިލިޔަން ޑޮލަރު ހޯދާފައިވާ ކަމަށް ދަޢުލަތުގެ ވަކީލުން ތުހުމަތު ކުރެއެވެ. ނަމަވެސް، އޭނާ ދަނީ މި ތުހުމަތުތައް ދޮގު ކުރަމުންނެވެ. ކޮރަޕްޝަންގެ ކުށް ސާބިތުވެ، ނަޖީބު ރައްޒާޤުގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމް މެލޭޝިޔާގެ މަތީ ކޯޓުން ދެމެހެއްޓުމާ ގުޅިގެން އޭނާ މިހާރު ވަނީ ހުކުމް ތަންފީޒު ކުރަން ފަށާފައެވެ.