ޚަބަރު

ސްރީލަންކާއަށް 2.9 ބިލިޔަން ޑޮލަރުގެ ލޯނެއް ދޭން އައި.އެމް.އެފް.ގެ ވަފުދުން އެއްބަސްވެއްޖެ


ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތި ކަމުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން އެ ޤައުމަށް 2.9 ބިލިޔަން ޑޮލަރުގެ ލޯނެއް ދިނުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް)އިން އެއްބަސްވެއްޖެއެވެ. އައި.އެމް.އެފް.އިން ބުނީ، ސްރީލަންކާއަށް ލޯނެއް ދިނުމަށް އެ ޤައުމުގެ ސަރުކާރާ އެކު މަޝްވަރާ ކުރަމުންދާ އެ އިދާރާގެ ޓީމުން އެއްބަސްވެފައިވާ ކަމުގައެވެ.

ނަމަވެސް، އައި.އެމް.އެފް.ގެ މައި ބޯޑުން މި އެއްބަސްވުމާ މެދު އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. "ސްރީލަންކާގެ ސަރުކާރާއި އައި.އެމް.އެފް.ގެ ޓީމާ ދެމެދު އެއްބަސްވުމަކަށް އާދެވިފައި ވަނީ. ސްރީލަންކާގެ މާލީ ހާލަތު ރަނގަޅު ކުރަން އައި.އެމް.އެފް.އިން ލަފާ ދީފައިވާ ކަންކަން ފުރިހަމަ ކުރަން ސްރީލަންކާގެ ސަރުކާރުން މިހާރު ވަނީ މަސައްކަތް ފަށާފައި،" އައި.އެމް.އެފް.ގެ ވަފްދުގެ އިސް އޮފިޝަލެއް ކަމުގައިވާ ޕީޓަރ ބްރެއުއަރ ވިދާޅުވިއެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ މާލީ ހާލަތުން އެ ޤައުމަށް އަރައިގަނެވޭނީ، އެ ޤައުމުން ލޯނު ނަގާފައިވާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ކަމުގައި އައި.އެމް.އެފް.އިން ބުނެއެވެ. އަދި، ދަރަނި ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށް އެދުމަށް ސްރީލަންކާގެ ސަރުކާރަށް އައި.އެމް.އެފް.އިން ވަނީ ލަފާ ދީފައެވެ. މީގެ އިތުރުން ވެސް، އެ ޤައުމަށް މާލީ ގޮތުން އިތުރު އެހީތެރިކަން ބޭނުންވާނެ ކަމަށް ވެސް އައި.އެމް.އެފް.އިން ޤަބޫލު ކުރެއެވެ.

އައި.އެމް.އެފް.އިން ލަފާ ދީފައިވާ ގޮތަށް ސްރީލަންކާއިން ދައުލަތުގެ އާމްދަނީ އިތުރު ކުރަން މަސައްކަތްތަކެއް ކުރަން ޖެހޭނެއެވެ. އަދި، ތެލާއި ކަރަންޓު އަގުތަކަށް ބަދަލު ގެނެސް، އިޖްތިމާޢީ ދާއިރާ ތަރައްޤީ ކުރަން މަސައްކަތް ކޮށް، އެ ޤައުމުގެ މަރުކަޒީ ބޭންކަށް އިތުރު މިނިވަންކަން ދޭން ޖެހޭނެއެވެ. މީގެ އިތުރުން، ހުސްވެފައިވާ ބޭރު ފައިސާގެ ރިޒާވް އިތުރު ކުރާނެ ގޮތްތަކެއް ހޯދަން ޖެހޭނެއެވެ. އަދި ޓެކުހުގެ ނިޒާމު އިތުރަށް ފުޅާކޮށް އިސްލާހު ކުރަން ވެސް ހިމެނެއެވެ.

ބޭރު ޤައުމުތަކުން ސްރީލަންކާއިން ނަގާފައިވާ 30 ބިލިޔަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ކުރަން އެ ޤައުމަށް ވަނީ މަޖުބޫރުވެފައެވެ. މި ކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އެ ޤައުމަށް ފައިސާ ދޫކޮށްފައިވާ ޤައުމުތަކާ އެކު މަޝްވަރާތައް ބޭއްވުމުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރުމަށް ޖަޕާނުން ވަނީ އެއްބަސްވެފައެވެ.

ސްރީލަންކާއިން މަސައްކަތް ކުރަމުން ދަނީ އައި.އެމް.އެފް. މެދުވެރިކޮށް 3 ބިލިޔަން ޑޮލަރުގެ ލޯނެއް ހޯދުމަށެވެ. އަދި، 2.9 ބިލިޔަންގެ ލޯނެއް ދިނުމަށް އެ ޤައުމުގައި މިހާރު ތިބި އައި.އެމް.އެފް.ގެ ވަފުދާ އެކު އެއްބަސްވުމަކަށް އާދެވިފައި ވީ ނަމަވެސް، އައި.އެމް.އެފް.ގެ ބޯޑުން މި ކަމާ މެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.