ޚަބަރު

ޗައިނާގެ އަސްކަރީ ހަރަކާތްތަކަށް ހުއްޓުމެއް ނާދޭ: ތައިވާން


ތައިވާނުގެ ކަނޑުގެ ސަރަޙައްދުގައި ޗައިނާއިން ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދާ ކަމުގައި ތައިވާނުން ބުނެފިއެވެ.

ތައިވާނުގެ ދިފާޢީ ވުޒާރާއިން ބުނީ، ޗައިނާގެ އަސްކަރިއްޔާގެ 62 މަތިންދާބޯޓާއި ހަތް މަނަވަރު އަދިވެސް ތައިވާނުގެ ކަނޑުގެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ ކަމުގައެވެ. ޗައިނާގެ އަސްކަރީ އުޅަނދުތައް ދަނީ ތައިވާނުގެ ކަނޑާއި ވައިގެ ސަރަޙައްދުގެ ތެރެއަށް ވަންނަމުންނެވެ. މި ގޮތުން، ތައިވާނުގެ ރަށްތަކެއް ކައިރިއަށް ޑްރޯންތަކެއް ޗައިނާއިން ފޮނުވާފައިވާ ކަމަށާއި، އެ ޑްރޯންތައް ފައްސައިލުމަށް އިންޒާރުގެ ހަމަލާ ދީފައިވާނެ ކަމުގައި ތައިވާނުން ބުނެއެވެ. ޗައިނާގެ ޑްރޯންތައް މީގެ ކުރިން ވެސް ތައިވާނުގެ ސަރަޙައްދަށް ވަދެ، ތައިވާނުގެ ރަށްތައް ކައިރިން ދަތުރު ކޮށްފައިވެއެވެ. މި ކަމާ ގުޅޭ ގޮތުން ތައިވާނުގެ ރައީސް ސައި އިންގް-ވެން ވިދާޅުވީ، މިއީ ހަނގުރާމައިގެ އަމަލެއްގެ ގޮތުގައި އެ ޤައުމުން ސިފަ ކުރާ ކަމުގައެވެ.

އެންމެ ފަހުން ތައިވާނުގެ ސަރަޙައްދަށް އެތެރެވި ޑްރޯންތައް ދަތުރުކޮށްފައި ވަނީ އެ ޤައުމުގެ ކިންމެން ރަށްތައް ކައިރިން ކަމުގައި ތައިވާނުން ބުނެއެވެ. އެއީ، ޗައިނާގެ ޝިއަމެން ސިޓީއާ މާ ދުރުނޫން ހިސާބެއްގައި އޮންނަ ތައިވާނުގެ ރަށްތަކެކެވެ. މި ހާދިސާއާ ގުޅިގެން ޗައިނާއިން އަދި މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

"ޗައިނާގެ ޑްރޯންތައް ދަތުރު ކުރާނީ ޗައިނާގެ ސަރަޙައްދުތަކުގައި އެކަނި. މީގައި ހައިރާންވާން ޖެހޭ އެއްވެސް ކަމެއް ނެތް،" ޑްރޯންތަކުގެ މައްސަލައިގައި ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޜާއޯ ލިޖިއަން މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ޗައިނާގެ އަމަލުތަކާ ގުޅިގެން ތައިވާނުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވެފައިވާ ކަމަށް ބުނެ ތައިވާނުން ވަނީ އެ ޤައުމުގެ ދިފާޢީ ބާރުވެރިކަން އިތުރު ކުރާނެ ކަން އިޢުލާނު ކޮށްފައެވެ. އަދި މި ކަމަށް، 19 ބިލިޔަން ޑޮލަރުގެ ދިފާޢީ ބަޖެޓެއް ކަނޑައަޅާފައިވާ ކަމުގައި އެ ޤައުމުން ބުނެއެވެ. އަދި، އެ ޤައުމުގެ ސަރަޙައްދަށް ޗައިނާގެ އަސްކަރީ އުޅަނދުތައް ވަންނަމުންދާ ނަމަ، އެ އުޅަނދުތަކަށް ހަމަލާދޭނެ ކަމުގައި އިންޒާރު ވެސް އެ ޤައުމުން ވަނީ ދީފައެވެ.

ޗައިނާއާއި ތައިވާނާ ދެމެދު މައްސަލަ ގޯސްވެފައި ވަނީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ އޮގަސްޓު މަހުގެ ކުރީކޮޅު ތައިވާނަށް ކުރެއްވި ދަތުރުފުޅަކާ ގުޅިގެންނެވެ. ތައިވާނާއި އެމެރިކާއާ ދެމެދު ގުޅުން ބަދަހި ކުރުމަކީ ޗައިނާއިން ރުހޭ ކަމެއް ނޫނެވެ. އަދި، ޕެލޯސީގެ ދަތުރުފުޅާ ގުޅިގެން ޗައިނާއިން ވަނީ ތައިވާނު ވަށައިލާ، އެ ސަރަޙައްދުގައި ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ހިންގާފައެވެ.