ޚަބަރު

ބޯހިމެނުމުގެ މަސައްކަތަށް ފަސޭހަކުރުމަށް ގޭގޭގެ ނަންބޯޑު ހަރުކުރަން އަންގައިފި


ބޯހިމެނުމުގެ މަސައްކަތަށް ލުއިފަސޭހަކުރުމަށް، ގޭގެއާއި އެކިއެކި ޚިދުމަތްދޭ ތަންތަނުގެ ނަން ފެންނާނެހެން ނަން ބޯޑު ހަރުކޮށްފައި ހުރިކަން ކަށަވަރުކުރުމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓީސްޓިކްސްއިން އެދިއްޖެއެވެ.

ބޯ ހިމެނުމުގެ މަސައްކަތަކީ ރާއްޖޭގައި ކުރިއަށްގެންދާ އެންމެބޮޑު ސަރވޭ މަސައްކަތެވެ. އެންމެފަހުން ރާއްޖޭގައި ބޯ ހިމެނުން ކުރިއަށް ގެންގޮސްފައިވަނީ 2014ވަނަ އަހަރުއެވެ.

ބޯހިމެނުމުގެ ސަރވޭގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17ވަނަ ދުވަހުއެވެ. މިކަމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓީކްސިން އަންނަނީ ވަމުންނެވެ.

މަޢުލޫމާތު އެއްކުރުމުގެ އާއްމުންގެ ފުރިހަމަ އެއްބާރުލުމަށް އެ ބިއުރޯއިން އަންނަނީ އެދެމުންނެވެ. މިސަރވޭއަށް މަޢުލޫމާތު ނަގާނީ ހޮވާލެވޭ ގެތަކުންނާ، ޚިދުމަތް ދޭ ތަންތަނުންނެވެ. އެގޮތުން ސަރވޭގެ މަސައްކަތް ފެށުމުގެ ކުރިން، މި ލިސްޓް އެކުލަވާލުމުގެ މަސައްކަތް މިމަހުގެ 13 އަދި 14ވަނަ ދުވަހު ކުރިއަށްގެންދާނެއެވެ.

ސްޓެޓްސް ބިއުރޯއިން ވިދާޅުވީ ލިސްޓް އެކުލަވާލުމަށް ޓިމްތަކުން ދާއިރު އެކަމަށް ފަސޭހަކުރުމުގެ ގޮތުން، ގޭގެއާއި އަދި މަސައްކަތް ހިނގާ ތަންތަނުގައި އެތަންތަނަކީ ކޮބައިކަން އިނގޭގޮތަށް ނަން ޖަހާފައި ނުވަތަ ނަން ބޮޑު ހަރުކުރުމަށް އެދިފައެވެ. އަދި ބައިބަޔަށް ހުންނަ ތަންތަނުގައި، އެޕަރޓްމަންޓް ނަންބަރު އިނގޭނެހެން ބެހެއްޓުމަށްވަނީ އެދިގައެވެ. އަތޮޅުތަކުގެ ރަށްރަށުގައިވެސް މިގޮތަށް ޢަމަލުކުރުމަށް ސްޓެޓްސް ބިއުރޯއިން އަންގައެވެ.

މިފަހަރުގެ ބޯހިމެނުމަށް މަޢުލޫމާތު އެއްކުރުމުގައި ގޭގެއިން މަޢުލޫމާތު އެއްކުރުމުގެ އިތުރުން، އެކިއެކި ވިޔަފާރިތަކާއި އިޤްތިޞާދީ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު އެއްކުރުންވެސް ކުރިއަށްދެއެވެ.

އިޤްތިޞާދީ މަޢުލޫމާތު އެއްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ރާއްޖޭގެ އިޤްތިޞާދީ ސިޔާސަތުތައް އެކުލަވާލުމާއި، ދާއިރާގެެ ޙަލަތު ދެނެގަތުމެވެ.

ބޯހިމެނުމަށް ކުރިއަށް ގެންދާ ސަރވޭ މިމަހު 17އިން 25އަށް ކުރިއަށްދާނެއެވެ.