ޚަބަރު

25 އަހަރު ކުރިން ޑަޔާނާ ވަކިވެ ދިޔައީ މުޅި ދުނިޔެ ރޮއްވާލާފައި


އިނގިރޭސިވިލާތުގެ ޕްރިންސަސް ޑަޔާނާ އަވަހާރި ހާދިސާއަށް 25 އަހަރު ފުރިއްޖެއެވެ. އޭނާ އަވަހާރަވީ މީގެ 25 އަހަރު ކުރިން، ފަރަންސޭސި ވިލާތުގެ ވެރިރަށް ޕެރިހުގައި އޭނާ އިންނެވި ކާރުކޮޅު އެކްސިޑެންޓުވި ހާދިސާގައެވެ.

ޑަޔާނާގެ ހަނދާނުގައި، އެ ހާދިސާ ހިނގި ބްރިޖު ހުންނަ ސަރަޙައްދަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖަމާވެފައެވެ. އަދި، އެ ސަރަޙައްދުގައި މާބޮނޑިތަކާއި، ކާޑުތައް ބާއްވައި، ހިތާމަ ފާޅުކޮށްފައެވެ. އެ ތަނުގައި ޑަޔާނާގެ ހަނދާނުގައި ބިނާއެއް ވެސް ބަހައްޓާފައި ހުރެއެވެ. އިނގިރޭސި ވިލާތުގައި ހުންނަ ޕްރިންސަސް ޑަޔާނާގެ ގެކޮޅު ކަމުގައިވާ ކެންސިންގްޓަން ގަނޑުވަރު ކައިރިއަށް ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެއްވެ، ޑަޔާނާ އަވަހާރަވި ހާދިސާގެ ހިތާމަ ފާޅުކޮށްފައެވެ.

ޕްރިންސަސް ޑަޔާނާ އަވަހާރަވީއިރު އުމުރުފުޅަކީ 36 އެވެ. އޭނާ އަވަހާރަވީ، އޭނާގެ ފޮޓޯ ނެގުމަށް މަސައްކަތް ކުރަމުންދިޔަ ފޮޓޯގްރާފަރުންތަކެއްގެ ކިބައިން ސަލާމަތްވުމަށް އޭނާ އިންނެވި ކާރުގެ ޑްރައިވަރު މަސައްކަތް ކުރުމުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައެވެ.

"ޑަޔާނާ އަވަހާރަވިތާ 25 އަހަރު ވީހެން ހީވެސް ނުވޭ. ހީވަނީ އިއްޔެ މެންދުރު ހިނގި ހާދިސާއެއްހެން،" އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމުގައިވާ 64 އަހަރުގެ ޖޭން ކްރުކް ބުންޏެވެ.

23 އަހަރުގެ މޯގަން ހިންޑްލް ސިފާ ކުރާ ގޮތުގައި ޕްރިންސަސް ޑަޔާނާއަކީ ވަރަށް އާދަޔާ ޚިލާފު ބޭފުޅެކެވެ. "ޑަޔާނާއަކީ ވަރަށް ގިނަ ބަޔެއްގެ ހިތްތަކާ ކުޅެލި ބޭފުޅެއް. އެތައް ބަޔެއްގެ ލޯބި ހޯއްދެވި ބޭފުޅެއް. ދުވަހަކު ވެސް ޑަޔާނާގެ މަތިން ހަންދާން ނައްތައެއް ނުލެވޭނެ. އޭނާގެ ހަނދާންތައް އަބަދު ވެސް ދެމި ހުންނާނެ،" ހިންޑްލް ބުންޏެވެ.

ޕްރިންސަސް ޑަޔާނާ އަވަހާރަ ވީއިރު ކައިވެނި ބައްލަވައިގެން އުޅުއްވީ އިނގިރޭސި ވިލާތުގެ ވަލީއަޙުދު ޕްރިންސް ޗާލްސްއާއެވެ. އޭނާގެ ދެ ބޭފުޅުން ތިއްބަވައެވެ. އެއީ ޕްރިންސް ވިލިޔަމާއި ޕްރިންސް ހެރީއެވެ. ޕްރިންސަސް ޑަޔާނާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިޔަން ބަޔެއްގެ ލޯތްބާއި އިޙުތިރާމު ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ބޮޑަށް ފާހަގަ ކުރެވިފައި ވަނީ، އިންސާނިއްޔަތަށް ޓަކައި އޭނާ ކުރައްވާފައިވާ އަގުހުރި މަސައްކަތްޕުޅު ތަކުންނެވެ.