ޚަބަރު

ޚަރްސަންގައި ޔޫކްރެއިން ސިފައިންނަށް ކުރިއެރުންތަކެއް


ރަޝިޔާ ސިފައިން އަތްގަދަ ކޮށްފައިވާ ޔޫކްރެއިނުގެ ދެކުނުގެ ސަރަޙައްދުތައް މިނިވަން ކުރުމަށް ފަށާފައިވާ މަސައްކަތުގައި ޔޫކްރެއިން ސިފައިންނަށް ކުރިއެރުންތަކެއް ލިބިއްޖެއެވެ. ޚަރްސަން މިނިވަން ކުރުމަށް ޔޫކްރެއިނުގެ ސިފައިން ޚާއްޞަ އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ އޮގަސްޓު 27 ގައެވެ.

ޚަރްސަންގައި ހުންނަ ޔޫކްރެއިން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ، އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ރަޝިޔާ ސިފައިންގެ އަމާޒުތަކަށް ޔޫކްރެއިނުގެ ސިފައިން ވަރުގަދަ ހަމަލާތަކެއް ދެމުންދާ ކަމުގައެވެ. އަދި، ޑްރާންއާއި އެހެން ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާ ސިފައިންގެ އަމާޒުތަކަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާ ކަމުގައެވެ. ނަމަވެސް، ރަޝިޔާއިން އެ ކަން ދޮގު ކުރެއެވެ. އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުނީ، ޚަރްސަންގެ ރަށްތައް އަލުން ހިފުމަށް ޔޫކްރެއިން ސިފައިން ފަށާފައިވާ އަސްކަރީ ކެމްޕޭން ނާކާމިޔާބުވެފައިވާ ކަމުގައެވެ. އަދި، ރަޝިޔާ ސިފައިންނާ ކުރިމަތިލި ޔޫކްރެއިން ސިފައިންގެ ފައުޖުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައި ވެސް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެއެވެ.

ޚަރްސަން ހިފުމަށް ޔޫކްރެއިނުން ފެށި ކެމްޕޭނުގައި ބޭނުންކުރި އަސްކަރީ ތިން ހެލިކޮޕްޓަރު ވައްޓައިލާފައިވާ ކަމަށާއި، ކެމްޕޭން ފެށިތާ އެންމެ ދެ ދުވަހުގެ ތެރޭގައި ޔޫކްރެއިންގެ ވައިގެ ސިފައިންގެ އަސްކަރީ ހަތަރު މަތިންދާބޯޓު ވައްޓައިލާފައިވާ ކަމަށް ވެސް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެއެވެ. ރަޝިޔާ ސިފައިން ހިފާފައިވާ ސަރަޙައްދުތައް މިނިވަން ކުރުމަށް ޔޫކްރެއިނުން މަސައްކަތް ކުރަމުންދާއިރު، ރަޝިޔާގެ ފައުޖުތަކުން ވެސް ދަނީ ޔޫކްރެއިނުގެ އަމާޒުތަކަށް ހަމަލާ ދެމުންނެވެ. މީގެ ތެރެއިން ވެސް، ޒަޕޮރީޜިޔާގައި ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓެއް ހުންނަ ސަރަޙައްދަށް ދެމުންދާ ހަމަލާތައް ފާހަގަ ކުރެވެއެވެ. މި ހަނގުރާމައިގައި ޒަޕޮރީޜިޔާ ނިއުކްލިޔަރ ޕްލާންޓަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. އަދި، އެ ތަނަށް ލިބިފައިވާ ގެއްލުންތައް ދިރާސާކޮށް، އެ ތަނުގެ ހާލަތު ބެލުމަށް އ.ދ.ގެ ޓީމަކުން އޮގަސްޓު 31 ގައި ވަނީ އެ ތަނަށް ދަތުރު ކޮށްފައެވެ. އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އިދާރާ (އައި.އޭ.އީ.އޭ)ގެ ޓީމުގެ މައިގަނޑު މަޤުޞަދަކަށް ވާނީ، ނިއުކްލިޔަރ ކާރިސާއެއް ހިނގުން ހުއްޓުވުމެވެ. އެ ތަނުގެ ހާލަތު ބެލުމަށް ދުވަސްތަކެއް ހޭދަވާނެ ކަމަށް އައި.އޭ.އީ.އޭ.ގެ އޮފިޝަލުން ބުނި ނަމަވެސް، އެ ސަރަޙައްދު ކޮންޓްރޯލް ކުރާ ރަޝިޔާ ސިފައިން ބުނަނީ، ދިރާސާ ކުރާ ޓީމުން އެންމެ ދުވަހެއްގެ ތެރޭގައި އެ މީހުންގެ މަސައްކަތްތައް ނިންމާނެ ކަމަށް ޤަބޫލު ކުރާ ކަމުގައެވެ.

"މި ތަނަށް މި އައީ ވަރަށް މުހިންމު މަސައްކަތެއް ކުރަން. އެއީ، މި ތަނުގެ ހާލަތު ފުރިހަމައަށް ދެނެގަތުން. އަދި، މި ތަން ނުރައްކަލަށް ހުށަހެޅިފައި އޮތުމުން، އެ ކަމަށް ނިމުމެއް ގެންނަން މަސައްކަތް ކުރުން،" އައި.އޭ.އީ.އޭ.ގެ ޑިރެކްޓަރ ޖެނެރަލް ރަފަޔަލް ގްރޮޓްޒީ ވިދާޅުވިއެވެ.

ޒަޕޮރީޜިޔާ ނިއުކްލިޔަރ ޕްލާންޓަކީ ވިލާތުގައި ހުންނަ ނިއުކްލިޔަރ ހަކަތަ އުފައްދާ އެންމެ ބޮޑު ޕްލާންޓެވެ. އެ ތަން ރަޝިޔާ ސިފައިން ހިފާފައި ވަނީ ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައިގެ ކުރީކޮޅު، މާރިޗު މަހުގެ ތެރޭގައެވެ. ނަމަވެސް، އެ ޕްލާންޓުގައި އަދިވެސް މަސައްކަތް ކުރަމުން ދަނީ ޔޫކްރެއިނުގެ މުވައްޒަފުންނެވެ.