މިވޭތުވެދިޔަ 4 އަހަރުގެތެރޭގައި ހިލޭ ޑިގްރީގެ ފުރުސަތު ފަހިކުރުމަށް ދައުލަތުން 454 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ ކޯވިޑްގެ އެންމެ ނާޒުކު ދުވަސްވަރު އެހެން ދާއިރާތައް ކޮންމެވެސް ވަރަކަށް މަޑުޖައްސާލަން މަޖުބޫރުވީނަމަވެސް ޤައުމަށް ބޭނުންވާ މީހުން ބިނާކުރުމުގެ ދާއިރާ އެންމެ ތަންފުކެއްވެސް ހުއްޓާނުލާކަމަށެވެ.
ހަންގޭރިކަމް ސްކޯލަރޝިޕް ލިބުނު ދަރިވަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ޙަސަން ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއްދޭ އެއްދާއިރާއަކީ މީހުން ބިނާކުރުމުގެ ދާއިރާކަމަށެވެ. އެގޮތުން މިވޭތުވެދިޔަ 4 އަހަރުގެތެރޭގައި 15000 ދަރިވަރުންނަށް ފުރަތަމަ ޑިގްރީ ހިލޭ ކިޔަވައިދިނުމަށް ދައުލަތުގެ ބަޖެޓުން 454 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިއަހަރު އެކަނިވެސް 106 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ކޯވިޑްގެ އެންމެ ދަތި ދުވަސްވަރު ރާއްޖޭގެ ޢުމްރަނީ ތަރައްޤީގެ ބައެއް މަޝްރޫޢުތައްވެސް މަޑުޖައްސާލަން މަޖުބޫރުވި ދުވަސްވަރެއް ކުރިމަތިވިކަމަށެވެ. އެހެންނަމަވެސް އެދުވަސްވަރުވެސް ތަޢުލީމީ ދާއިރާގައި ދެމުންއައި އެއްވެސް ފުރުސަތެއް ހަނިކޮށް ހުއްޓާނުލާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެކި ޤައުމުތަކުން ދެމުންދާ ސްކޯލަރޝިޕްގެ ފުރުސަތުތައް ދިވެހިންނަށް ފަހިކޮށްދިނުމަށްވެސް ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ޤައުމުތަކާއި ގުޅިގެން ކުރަމުންދާކަމަށެވެ. އެގޮތުން ހަމައެކަނި 480 މިލިއަން ރުފިޔާ ސްކޯލަރޝިޕްތަކަށް އެކަނި ޚަރަދުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މީގެތެރެއިން 48 މިލިއަނަކީ ހަމައެކަނި މިއަހަރުގެ މިހާތަނަށް ޚަރަދުކުރި މިންވަރުކަމަށެވެ.
2019 ވަނަ އަހަރު ކުރިމަތިވި ކޯވިޑްގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި އެއް ދާއިރާއަކީ ތަޢުލީމީ ދާއިރާއެވެ. ކޯވިޑްގެ ކުރިން ކުލާސްތަކަށް ހާޒިރުވެގެން ކިޔަވަމުންދިޔަ ދިޔުމަށް އިތުރު ގޮތެއް ތަޢާރަފްވެ ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަޢުލީމުގެ އެކި ކޯސްތަކުގެ ފުރުސަތު ގޭގައި ތިބެގެން ލިބޭނެ މަގު މިއާއެކުވަނީ ފަހިވެގެންގޮސްފައެވެ. މަތީ ތަޢުލީމުގެ އިތުރު ފުރުސަތުތަކެއް އިތުރު ޤައުމުތަކުން ހޯދުމަށް މަސައްކަތްކުރާކަމަށް ސަރުކާރުން ވިދާޅުވެއެވެ.