ޚަބަރު

"ވީޑިއޯ އޮފް ދަ އިޔަރ" ގެ އެވޯޑާއެކު ޓޭލާ އޭނާގެ ފޭނުންނަށް ދިނީ އުފާވެރި ޚަބަރެއް


ގްރެމީ އެވޯޑްސް ޙާސިލުކޮށްފައިވާ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އޭނާގެ އައު އަލްބަމް ރިލީޒްކުރާނެ ތާރީޚު އިޢުލާން ކުރުންވެގެންދިޔައީ އޭނާގެ ފޭނުންނަށް ލިބުނު އުފާވެރި ޚަބަރެކެވެ.

އަންނަ އޮކްޓޫބަރުމަހު ނެރެން ހަމަޖެހިފައިވާ މި އަލްބަމަށް ކިޔަނީ "މިޑްނައިޓްސް" އެވެ. ޓޭލާ މިކަން އިއުލާން ކުރީ މިއަހަރުގެ އެމް.ޓީ.ވީ ވީޑިއޯ މިއުޒިކް އެވޯޑްސް ގައި "ވީޑިއޯ އޮފް ދަ އިޔާ"ގެ އެވޯޑާއި ހަވާލުވާން ސްޓޭޖަށް އަރާފައެވެ.

ފޭނުންނަށް ބޮޑު ސަޕްރައިޒްއަކަށް ވި "މިޑްނައިޓްސް" އަލްބަމްގައި ޓޭލާގެ މުޅިން އައު 13 ލަވަ ހިމެނޭނެއެވެ. އެ އަލްބަމްގައި ހިމެނޭ ލަވަތަކީ ނިދި ނައިސްގެން އުޅުނު ރޭތަކުގައި ހިޔާލަށް އައި ލިރިކްސްތަކެއް ލަވައަށް ބަދަލުކޮށް ނެރޭ ލަވަތަކެއް ކަމަށް ޓޭލާ ބުނެފައިވެއެވެ.

"މިޑްނައިޓްސް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރުމަހުގެ 21 ވަނަ ދުވަހުއެވެ. މި އަލްބަމް ގަންނަން ބޭނުންވާ ފަރާތްތަކަށް ޕްރީ-އޯޑަރކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.


ޓޭލާގެ ކުރީގެ އަލްބަމްތައް އޭނާގެ އަމިއްލަ ނަމަކަށް ބަދަލު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރު ޓޭލާ ވަނީ ކުރީގެ އަލްބަމްތަކުގެ ތެރެއިން 2012 ވަނަ އަހަރުގެ "ރެޑް" އަދި 2008 ވަނަ އަހަރުގެ "ފިއަލެސް" އަލުން ރެކޯޑުކޮށް ރިލީޒްކޮށްފައެވެ.

ޓޭލާ އެންމެ ފަހުން އޭނާގެ އައު މިއުޒިކް އަލްބަމެއް ނެރެފައިވަނީ 2020 ވަނަ އަހަރުގައެވެ. އެ އަހަރު ވަނީ ޓޭލާ މުޅިން އައު ދެ އަލްބަމް ނެރެފައެވެ. އެއީ "އެވަމޯ" އާއި "ފޯކްލޯ" ނަމަކަށް ކިޔާ ދެ އަލްބަމެވެ.