ޚަބަރު

އޭލެވަލް ކެމްބްރިޖަށް ބަދަލުކުރަން ޖެހުނީ ދަރިވަރުންގެ ފަސޭހައަށް: މިނިސްޓަރ


ދަރިވަރުން ކެމްބްރިޖް އޯ-ލެވެލް އިމްތިހާން ހެދުމަށް ފަހު އޭ-ލެވަލް އެޑެކްސެލްއަށް ބަދަލުވުމުން އެއަށް ހޭނެން އުނދަގޫވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ، އޭލެވެލް އިމްތިހާން ކެމްބްރިޖަށް ބަދަލުކުރުމުން ލިބޭނީ ފައިދާ ތޯ ނޫނީ ގެއްލުންތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ.އާއިޝަތު އަލީ ވިދާޅުވީ މިސަރުކާރުން ވެރިކަމާ ހަވާލުވެ ކަރިކިއުލަމް ރިވިއު ސިމްޕޯސިއަމްއެއް ބާއްވާ، ކަރިކިއުލަމްގައި ދިމާވާ ދަތިތަކާއި އަދި އިތުރަށް ރަނގަޅު ކުރަންވީ ކަންތައްތަކާ ގުޅޭ ގޮތުން ދާއިރާގެ އެންމެންނާއެކު މަޝްވަރާތައް ބޭއްވި ކަމަށެވެ. އެގޮތުން ރާއްޖޭގައި މިހާރު ހަދަމުންދާ އޭ-ލެވެލް އިމްތިހާން ކެމްބްރިޖަށް ބަދަލު ކުރީ ހުރިހާ ޕްރިންސިޕަލުންނާއި ޓީޗަރުންގެ ލަފާގެ މަތިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިފަދަ ކަންކަން މިގޮތަށް ނިންމަނީ ވަކި މީހަކު ދެކޭ ގޮތަށް ނޫން ކަމަށާއި އަދި މިހާރު ހެދިފައި ހުންނަ ދިރާސާތަކާއި ހެއްކަށް ބެލުމަށްފަހު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ދެ އެގްޒާމަކީ އެއް ލެވެލްއެއްގެ ހަމަ ގިނަ ގައުމުތަކުގައި ބޭނުން ކުރާ ދެ އެގްޒާމް. ދެން ރާއްޖެ ކަހަލަ ގައުމުތަކަށް ކެމްބްރިޖްގެ ފައިދާތަކެއް އެެބަ ހުރި. އެއީ ރާއްޖެއަކީ ޔޫކޭގެ ބައެއް ކަމުގައި ނުވާތީ އިންޓަނޭޝަނަލީ ފޯކަސްޑް އެގްޒޭމެއް ރާއްޖޭގެ ކުދިން ހަދާ ނަމަ އެ ކުދިންނަށް މާ ރިލަވަންޓް ވާނެ ސުވާލުތަކާއި އެ ކަހަލަ ކަންތައްތައް. އެހެންވީމާ ދަރިވަރުންނަށް ފަސޭހަތަކެއް ދިމާވާނެ" އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ އެޑެކްސެލްއާ ސީދާ މުއާމަލާތް ކުރެވޭނެ ގޮތެއް ނޯންނަ ކަމަށާއި މުއާމަލާތް ކުރަން ޖެހެނީވެސް ލަންކާގައި ހުންނަ އެޑެކްސެލްގެ އޮފީހެއް މެދުވެރިވެގެން ކަމަށެވެ. މިކަމާ ގުޅިގެން އިދާރީގޮތުން ވަރަށް ދަތިތައް ދިމާވާކަމަށް މިނިސްޓަރ
ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި މަތީ ސާނަވީ ނިންމާ ދަރިވަރުންނަށް ދެމުން އައި އެޑެކްސެލް އޭ-ލެވެލް އިމްތިހާނުގެ ބަދަލުގައި ކޭމްބްރިޖް އިންޓަރނޭޝަނަލް އޭ-ލެވެލް އިމްތިހާން ދިނުމަށް ނިންމާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

އެހެންނަމަވެސް މި ބަދަލާއި ގުޅިގެން މިހާރު މަތީ ސާނަވީއަށް ކިޔަވަމުން ގެންދާ އަދި މި އަހަރު މަތީ ސާނަވީގެ ގްރޭޑް 11 ގައި ކިޔަވަން ފަށާ ދަރިވަރުންގެ އިމްތިހާނުތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މިހާރު މަތީ ސާނަވީއަށް ކިޔަވައިދޭން ފަށާފައިވާއިރު މަތީ ސާނަވީއަށް ކިޔަވައިދިނުމަށް ފުރުޞަތުދެވޭ ސިޔާސަތަށް ގެނެވުނު ބަދަލާ ގުޅިގެން ކުރިން އޭލެވެލްއަށް ކިޔަވައިނުދޭ އަތޮޅުތަކުގައިވެސް މިހާރު ވަނީ އޭލެވެލްއަށް ކިޔަވައިދޭން ފަށާފައެވެ.