ޚަބަރު

އަލްޞަދްރު ސިޔާސީ މައިދާނާ ފެއަށް، ސަޕޯޓަރުން މަގުތަކަށް


އިރާޤުގައި ދިރިއުޅޭ ޝީޢީންގެ އިސް ލީޑަރެއް ކަމުގައިވާ މުޤްތަދާ އަލްޞަދްރު ސިޔާސީ މައިދާނާ ފެއަށް ޖެހެން ނިންމައި، އެ ކަން އިޢުލާނު ކޮށްފިއެވެ. ސިޔާސީ ހަރަކާތްތަކުން ދުރަށް ޖެހުމަށް ނިންމާފައިވާ ކަން އަލްޞަދްރު އިޢުލާނު ކުރުމާ ގުޅިގެން އޭނާއަށް ތާޢީދު ކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ވެރިރަށް ބަޣުދާދުގެ މަގުތަކަށް ނިކުމެ، މުޒާހަރާ ކުރަން ފަށާފައެވެ.

މުޒާހަރާތައް ފެށުމާ އެކު އަލްޞަދްރަށް ތާޢީދު ކުރާ މީހުންނާއި، އޭނާއާ ދެކޮޅު ފަރާތްތަކާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ފެށުނެވެ. އަދި، ދެ ފެކްޝަންގެ ދެމެދުގައި ފެށުނު ހަމަނުޖެހުންތަކުގައި ހަތިޔާރު ބޭނުންކޮށް، ހަމަލާ ދޭން ފެށިއެވެ. މި ހަމަނުޖެހުންތަކުގައި ދެ މީހުން މަރުވެފައިވާ ކަމަށާއި، އިތުރު 19 މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުންނާއި ޞިއްޙީ އޮފިޝަލުން ބުނެއެވެ.

ބަޣްދާދުގެ އެކި ސަރަޙައްދުތަކުން ބަޑީގެ އަޑުފައްގަނޑު އަދިވެސް އިވެމުން ދާއިރު، އަލްޞަދްރަށް ތާޢީދު ކުރާ މީހުން ވަނީ، ކެބިނެޓުގެ މައި އޮފީހަށް ވަދެ، އެ ޢިމާރާތް ހިފާފައެވެ. އެއީ ބަޣްދާދުގެ ގްރީން ޒޯންގައި ހުންނަ ޢިމާރާތެކެވެ. ބަޣްދާދުގައި ހުންނަ ޤާނޫނު ހަދާ މަޖިލީހުގެ އިދާރާގައި ވެސް އަލްޞަދްރަށް ތާޢީދު ކުރާ މީހުން ދަނީ މުޒާހަރާ ކުރަމުންނެވެ. އޭނާއަށް ތާޢީދުކުރާ މީހުންނާއި، އިދިކޮޅު ފަރާތްތަކާ ދެމެދު ހަމަނުޖެހުން ހިންގަން ފެށުމާ ގުޅިގެން އިރާޤުގެ އަސްކަރިއްޔާއިން ވަނީ ކަރފިޔު އިޢުލާނު ކޮށްފައެވެ. އަދި، ގްރީން ޒޯންގެ މަގުތަކާއި ޢިމާރާތްތައް ހުސް ކުރުމަށް މުޒާހަރާ ކުރާ މީހުންނަށް އަންގާފައެވެ.

2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިރާޤުގައި ބޭއްވި ޢާންމު އިންތިޚާބު ކާމިޔާބު ކޮށްފައި ވަނީ އަލްޞަދުރުގެ ޕާޓީންނެވެ. ނަމަވެސް، ސަރުކާރެއް އެކުލަވައިލުމަށް އޭނާ ކުރި މަސައްކަތްތައް ކާމިޔާބެއް ނުވިއެވެ. އަދި، އެ ކަމާ ގުޅިގެން، އޭނާ ވަނީ މަޖިލީހަށް އިންތިޚާބު ވި އޭނާގެ ޕާޓީގެ ހުރިހާ މެންބަރުންގެ ވަކިކޮށް، ޤާނޫނު ހަދާ މަޖިލިސް އުވައިލަން މަސައްކަތް ފަށާފައެވެ.

ސަރުކާރެއް އެކުލަވައިލަން އަލްޞަދްރު ކުރި މަސައްކަތް ނާކާމިޔާބު ވީ، އީރާނުން ވާގިވެރިވާ ޝީޢީ ދަރިކޮޅުގެ މީހުންގެ ބައިވެރިވުމާ ނުލައި ސަރުކާރެއް އެކުލަވައިލަން މަސައްކަތް ކުރުމުންނެވެ. މީގެ އިތުރުން، އެމެރިކާއިން ވާގިވެރިވާ ޕާޓީތައް ވެސް ސަރުކާރުގައި ހިމެނުމަށް އޭނާ ވަނީ ދެކޮޅު ހަދާފައެވެ.

މިއީ، ސިޔާސީ މައިދާނާ ފެއަށް ޖެހިފައިވާ ކަން އަލްޞަދްރު އިޢުލާނު ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް އޭނާ ވަނީ ސިޔާސީ މައިދާނާ ދުރަށް ޖެހި، އޭނާއަށް ތާޢީދު ކުރާ ހަތިޔާރު އެޅި ޖަމާޢަތްތައް ރޫޅައިލާފައެވެ. ނަމަވެސް، ގިނަ ދުވަސްތަކެއް ނުވެ، އޭނާ ވަނީ އަނެއްކާ ވެސް ސިޔާސީ މައިދާނަށް ނިކުމެފައެވެ.