ޚަބަރު

ވަގުތު ކޮޅެއްގެ ތެރޭގައި އިންޑޮނީޝިޔާއަށް ބާރުގަދަ ތިން ބިންހެލުން


އިންޑޮނީޝިޔާގެ ރަށެއް ކަމުގައިވާ ސުމާތްރާއަށް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ބާރުގަދަ ތިން ބިންހެލުން އަތުވެއްޖެއެވެ. މި ބިންހެލުންތައް އައިސްފައި ވަނީ އޮގަސްޓު 29ގެ ހެނދުނުގެ ވަގުތުގައެވެ. މީގެ ތެރެއިން އެންމެ ބާރުގަދަ ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 6.1 ގައެވެ.

މި ބިންހެލުންތައް އައިސްފައި ވަނީ ސުމާތްރާގެ ހުޅަނގު ފަރާތުގައި އޮންނަ ރަށްތަކެއް ކަމުގައިވާ މެންޓަވާއީގެ ރަށްބޭރުން ކަނޑު އަޑިއަށެވެ. ފުރަތަމަ ބިންހެލުން އައިސްފައި ވަނީ ހެނދުނު 10:30 ހާއިރެވެ. އެ ސަރަޙައްދަށް އައި ފުރަތަމަ ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 5.2 މެގްނިޓިއުޑްގައެވެ. އަދި ދެވަނަ ބިންހެލުމުގެ ބާރުމިން ރެކޯޑު ކުރެވިފައި ވަނީ 5.4 ގައެވެ. ތިން ބިންހެލުން ވެސް އައިސްފައި ވަނީ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.

ރިކްޓަރ މިންގަނޑުން 6.1 ގެ ބާރުމިނުގައި އެންމެ ފަހުން އައި ބިންހެލުމާއި ލޮޅުންތަކުގައި މެންޓަވާއީގެ ރަށްތަކަށް ވަރަށް ބޮޑަށް ލޮޅުންތައް އެރިއެވެ. ލޮޅުންތަކުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ މިންޓަވާއީގެ ވެރިރަށް ޕަޑާންގްއާއި، އެ ރަށް ކައިރީގައިވާ ފަރުބަދަމަތީ ސަރަޙައްދެއް ކަމުގައިވާ ބުކިޓިންގީއަށެވެ. މި ބިންހެލުންތަކާއި ގުޅިގެން އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާ ވި ކަމުގެ ރިޕޯޓެއް ކޮށްފައި ނެތް ނަމަވެސް، އެ ރަށްތަކުގެ ޢިމާރާތްތަކަށް ގެއްލުން ލިބުނެވެ. ބިންހެލެން ފެށުމާ ގުޅިގެން މިންޓަވާއީގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ.

2009 ވަނަ އަހަރު ވެސް ޕަޑާންގްއަށް ރިކްޓަރ މިންގަނޑުން 7.6 ގޭ ބާރުމިނުގައި ބިންހެލުމެއް އައެވެ. އެ ހާދިސާއި 1,100 އަށްވުރެ ގިނަ މީހުން މަރުވެ، އެ ރަށަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އިންޑޮނީޝިޔާ އޮންނަނީ، ކަނޑު އަޑީގައިވާ އަލިފާން ފަރުބަދަތައް ގިނަ ސަރަޙައްދެއް ކަމުގައިވާ "ރިންގް އޮފް ފަޔަރ" ހިމެނޭ ސަރަޙައްދުގައެވެ.