ކުޅިވަރު

ރިިސޯޓް ލީގު: ފައިނަލުގައި ބަރޮހާއި ވަރު


ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ނޯތު މާލޭ ޒޯނުގެ ފައިނަލަށް ވަރު ބައި އެޓްމޮސްފިއާ އާއި ބަރޮސް މޯލްޑިވްސް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފައިނަލަށް ވަރު ދަތުރުކުރީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން އަދި މިއަހަރުގެ މުބާރާތް ބާއްވާ ވަން އެންޑް އޮންލީ ރީތިރަށް 5-3 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ވަރު ޓީމުގެ މޫސާ ހުމެއިދު ހެޓްރިކެއް ހެދިއިރު އަހުމަދު ޒަމީމް ވަނީ ދެ ލަނޑު ޖަހާފައެވެ. ރީތިރަށް ޓީމަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ ދެ ލަނޑު ޖަހައިދިން މުހައްމަދު ނާފިއު އާއި އަބްދުﷲ ވިސާމެވެ.

ވަރު ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މެޗުގައި ރީތިރަށް ޓީމުގެ ފަހަތުން ފެނުނީ އެހެން މެޗުތަކަށްވުރެ ދަށް ކުޅުމެކެވެ. ކައުންޓަރ އެޓޭކުތަކުގައި ވަރު ފެނުނީ މި މެޗުގައި ވަރުގަދަކޮށެވެ.

ފައިނަލުގެ ދެވަނަ ޖާގަ ބަރޮސް މޯލްޑިވްސް ހޯދާފައިވަނީ ސެމީފައިނަލުގެ ދެވަނަ މެޗުގައި ވާދަވެރި ކުރިމަތިލުމަކަށް ފަހު ފޯ ސީޒަންސް ކުޑަހުރާ 2-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މެޗުގައި ބަރޮސް ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހުސެއިން ވިފާގާއި ހަސަން ސަލީމެވެ. ފޯ ސީޒަންސްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ފަވާޒެވެ.

މުބާރާތް ނޯތު މާލޭ ޒޯނުގައި އެންމެފަހުން ބޭއްވީ 2019 ވަނަ އަހަރުގައެވެ. އެފަހަރު ރީތިރަށުން ޗެމްޕިއަންކަން ހޯދިއިރު އެ ޓީމުން ވަނީ ޖެހިޖެހިގެން ތިން އަހަރު މި ތަށި ހޯދާފައެވެ. އެއީ 2017، 2018 އަދި 2019 ގައެވެ.

މިއީ މުބާރާތުގެ ފައިނަލަށް ވަރު އަދި ބަރޮސް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މި ދެ ޓީމު ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަދުވަހުގެ ހަވީރެވެ.